ހުވައި ކުރީ އެމް.ޑީ.ޕީ ކައުންސިލް އެއް ނޫނެވެ. ނަމަވެސް، ރައްޔިތުންގެ ކައުންސިލެކެވެ.

މުޙައްމަދު ފިރާޟް

03 ޖޫން 2017 ވީ ހޮނިހިރު ދުވަހަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ބަޔަކު ހުވައި، އެއް ދުވަހެއްގައި ކުރި ދުވަހަށްވުން ވަރަށް ކައިރިއެވެ. ޖޫން ޖުލައިގެ ގަދަ ވިއްސާރައާއެކު އެތަކެއް ބޯވިލާ ބަނަކުރަމުން ދިޔަ އަސް، އެ މަންޒަރު ބަލައި އެއަށް އެއްވެސް ފަރުވާލެއްނެތި، ރައްޔިތުންނަށް ޙިދުމަތް ކުރުމަށްޓަކައި މި އަދު ބަޔަކު ހުވައެއް ކޮށްފިކަން ކަށަވަރެވެ.

ތަފާތު ސިޔާސީ ޕާޓީތަކުން އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބުނަސް، ޙިދުމަތް ކުރަންޖެހެނީ އެއް ރައްޔިތަކަށެވެ. މިއަދު ހުވައިކުރެވުނު، އިހަވަންދޫގެ އައު ކައުންސިލް ގައި އެމް.ޑީ.ޕީ އަށް ނިޞްބަތްވާ ބޭފުޅުން ތިބުމުން، އިހަވަންދޫގައި އޮތީ އެމް.ޑީ.ޕީ ކައުންސިލް އެއް ކަމުގައި ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ޙަޤީޤީ މާނައިގައި ތިޔައީ ރައްޔިތުންގެ ވޯޓާއި ރުހުމާއެކު އެކު ހޮވުނު ރައްޔިތުންގެ ކައުންސިލެކެވެ. ޤާނޫނުން ލާޒިމު ކުރަނީވެސް އެއްވެސް ރައްޔިތެއް ޙިދުމަތުގައި ތަފާތު ނުކުރުމަށެވެ. އަދި ރައްޔިތުން މި ދިން ބާރު ސީދާ ދިނީވެސް ތި ހުވައި ކުރެއްވި ބޭފުޅުން ނަށެވެ. ވީމާ، ޕާޓީ ގެ ބޮޑުންނާއި ސިޔާސީވެރިން ބުނެ އަންގާ ކަންތައް ކައުންސިލް އިން ކުރަން ހިފުމުގެ ބަދަލުގައި، ކައުންސިލަރުން އަމިއްލަ ވިސްނުމާއި ހިކުމަތުގެ ތެރެއިން ބައްދަލުވުން ތަކުން ގޮތް ނިންމައި ރައްޔިތުންނަށް ހިދުމަތްކުރަން ޖެހެއެވެ. ފަންނީ މީހުންގެ މަޝްވަރާއަށް އެހުމަކީ އުފަލެއް ކަމުގައި ދެކޭށެވެ.

މުޖުތަމައުއެއް ކުރިއެރުމާއި ތަހުޒީބުގެ އަޞްލަކީ އަހުލާޤެވެ. މި އަހުލާޤު ހިފެހެއްޓެނީ، އަފުރާދުންގެ ގުޅުމާއި އެއްބައިވަންތަކަން ކުރިއަށް ނެރެގެންނެވެ. ފަރުދީ ހިޔާލުތަކުގެ ތަފާތުތައް، ރަށަށްޓަކައި ބަންޑުން ނުކޮށްލައި ހިފެހިއްޓިގެންނެވެ. ފަސާދައާއި، ނެތިނުބައި ވާހަކަތަކަށް ފުރަގަސްދޭ މުޖުމަތަޢުއެއް ސީދާމަގުން ބިނާ ކުރަންޖެހެއެވެ. އިސްލާމްދީނަށް އޮތް ލޯބި އިތުރުކުރަން މަސައްކަތް ކުރަންޖެހެއެވެ. މި ދެންނެވުނު ހުރިހާ ކަމަކަށް އިންސާނާގެ ލޮލާއި ސިކުނޑި ހުޅުވައިދޭ ދަންމަރަކީ ތަޢުލީމެވެ. އަލަށް ހުވައި ކުރެއްވި އިހަވަންދޫގެ ވެރިންގެ ކިބައިން މި އެދެނީ، ތަޢުލީމީ ޖީލެއް ބިނާ ކޮށްދިނުމަށެވެ. ނެދަރލޭންޑްސްގައި މި އަދު ކުށްކުރާނެ މީހުން މަދުވެ، ޖަލުތައް ބަންދު ކުރަމުންދާއިރު، މި ފަދަ މުޖުތަމަޢުއެއް އަޅުގަނޑުމެންވެސް ރަށަށްޓަކައި ބޭނުން ވެއެވެ!