އިހަވަންދޫ ބަނދަރުގެ ހާލަތު: ދޯންޏަށް އައިސް އަރުވުންވެސް ބޮޑު ތަކުލީފަކަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ ބަނދަރު ޗާލެވެ. ޖާގަ ތަނަވަހެވެ. މުށިމަހާ ކޮރަކަލިވެސް ވަރަށް ތިޔާތްގެވެ. ހަވީރު ފިންޏަށް ދުއްވާލަންދާ މީހުންނަށް ރަންގަޑެކެވެ. ނަމަވެސް ބަނދަރުގެ ހަގީގީ އަހުލުވެރިންކަމުގައިވާ އުޅަނދުފަހަރަށް އެއީ ބޮޑު ބިރުވެރިކަމެކެވެ. ރަށްރަށުގައި ބަނދަރު ހެދުމުގެ އެއްމެބޮޑު އެއްބޭނުމަކީ ލާފާފުރުމާއި، މުދާ ބޭލުމާއި އެރުވުމަށް ފަސޭހަ ކުރުމުގެ އިތުރުން އަގުބޮޑު ކަނޑު އުޅަނދުފަހަރަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމެވެ.

މިއަދު ހަވީރު ބަނދަރުމައްޗަށް ނުކުތުމުން ފެނުނުމަންޒަރުން ދެރަވިއެވެ. އަގުބޮޑެތި ދޯނިފަހަރުގެ ފަޅުވެރިން ދޯނިތައް ރަމަތަނުކުރެވިގެން ހަނާވަނީއެވެ. މާލެ ދަތުރުކުރާ މުދާއުފުލާ ބޯޓްފަހަރު  ވާޓަރަށް ލައްވެދާނެތީ  ވަލަކަށްފަހު ވަލެއް އަޅަނީއެވެ. މަސްވެރިކަމަށް ނުކުތުމަށް އައިސްއެޅުމަށްވެސް ދޯންޏަށް އެއްގަމު ތޮއްޓަށް ގާތްނުކުރެވޭތީ އައިސް ބަރުކުރީ ޓައްޕަކަށް އަޅައިގެން މޫދުގައި ސައްލިދަމައިގެންނެވެ.

ކަނޑުގެ ބިޔަ ރާޅުތަކާއި ހަނގުރާމަކޮށް ހިމާޔަތް ހޯދަން ވަންނަ ބަނދަރުން މަސްވެރިންނަށް އިތުރަށް އުފުލަންޖެހެނީ ތަކުލީފެކެވެ. މުދާ ނުބޭލި ބޯޓުފަހަރުގެ ވެރިންނަށް ކޮންމެ ދުވަހަކު ކުރިމަތިލާންޖެހެނީ ބޮޑު ގެއްލުމަކާއެވެ. ދަތުރުވެރިން އުޅަނދުފަހަރަށް  އަރާފައިބަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ފާއިތުވި 34 އަހަރަކީ އިހަވަންދޫގެ ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ 34 އަހަރެވެ. 1990 އިން ފެށިގެން ކޮންމެ 10 އަހަރަކުން ބަނދަރު އިތުރަށް ފުންކޮށް ބަނދަރުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެވެއެވެ. އިހަވަންދޫގެ ދެކުނު ކޮޅުގައި ފުރަތަމަ ބަނދަރު ހެދިގެން ދިޔައީ 1990 އިގެ ކުރީކޮޅުއެވެ. އެފަހަރު އިހަވަންދޫގައި ހެދި ބަނދަރުގެ ބޮޑުމިނަކީ 13150 އަކަ މީޓަރެވެ. އެއަށްފަހު 2000 ވަނަ އަހަރުގެ ކުރީކޮޅު އިހަވަންދޫގެ ބަނދަރު ހެދިއެވެ. އެފަހަރު އެއްގަމު ތޮއްޓާއި ބޭރުތޮށި ހެދީ ސިމެންތި ބަސްތާ ޖަހައިގެންނެވެ. އެފަހަރު ހެދީ ގާތްގަނޑަކަށް ދިގުމިނުގައި 303 މީޓަރު އަދި ފުޅާމިނުގައި 77 މީޓަރު ހުންނަ ފަޅެކެވެ. ގާތްގަނޑަކަށް 23300 އަކަ މީޓަރުގެ ފަޅެކެވެ. ސުނާމީގައި ލިބުނު ގެއްލުމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން 2010 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަދުވަހު އަނެއްކާވެސް ބަނދަރު ހެދުމުގެ މަސައްކަތް ފެށުނެވެ. އެފަހަރުހެދި ބަނދަރުގެ ދިގު މިނުގައި 397 މީޓަރު އަދި ފުޅާމިނުގައި 90 މީޓަރު ހުރެއެވެ. އެއީ 35730 އަކަ މީޓަރެވެ. އެންމެފަހުން 2022 ވަނަ އަހަރު ނިންމި އިހަވަންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން ހެދި ފަޅުގައި 56015 އަކަ މީޓަރު ހުންނާނެކަމަށް ލަފާކުރެވެއެވެ.

މީގެ 24 އަހަރުކުރިން ފުރަތަމަ ބަނދަރުހަދާ ބޭނުންކުރަން ފެށީންސުރެވެސް ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ އެންމެބޮޑު ޝަކުވާއަކީ ބަނދަރުތެރޭ އުފެދޭ ބާނީގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކެވެ. 3 ފަހަރު ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ކަމުގައިވިޔަސް ފަހަރަކަށްވުރެ ފަހަރެއް ބާނި ގަދަވަމުންދާކަމަށް ބަނދަރު ބޭނުންކުރާ އޮޑިވެރިން ބުނެއެވެ.

އެންމެ ފަހުން ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާގަކުރިތާ 15 ދުވަސް ނުވަނީސް، ބަނދަރުގެ އިރުމަތިން ފެރީ ޓާމިނަލް ކުރިމަތިން ޕަސެންޖަރުންނަށް  ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި ވަނީ ބަންދުކޮށްފައެވެ. މިހާރު ޕަސެންޖަރުން އަރާފޭބުމަށް ބޭނުންކުރަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ސިޑިއެވެ. އެންމެފަހުން އިހަވަންދޫ ބަނދަރު އަޕްގްރޭޑްކުރުމަށް ހިންގި މަޝްރޫޢުގެ އަގަކީ 51.7 މިލިއަން ރުފިޔާއެވެ. ކޮންމެ ސަރުކާރަކުންވެސް އިހަވަންދޫގައި ހިންގާ މައިގަނޑު އެއް ޕްރޮޖެކްޓަށް ބަނދަރު ވެގެންދާދިއުމަކީ އިހަވަންދޫގެ ތަރައްޤީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާކަމެއްކަމަށް ބައެއްމީހުން ބުނެއެވެ.

އިހަވަންދޫ ބަނދަރުތެރޭ ބާނި ދެމުމުގެ މައްސަލަޔަށް ހައްލު ލިބޭނީ ނެރަށް ބަދަލުތަކެއް ގެނެސްގެންކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރުމުގެ މަސައްކަތް، 2024 ވަނަ އަހަރަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި ހިމަނާފައިއޮތެވެ. އަހަރު ދެބައިވާން ދާއިރު އެމަސައްކަތް ފެށަން އުޅޭކަމުގެ ސިނގުނަލެއް އަދި ނުފެނެއެވެ.

ޚިޔާލު ފައުޅުކުރުން

ތިޔަކީ ސަރުކާރު ވައްޓާލަން ވެގެން ބަޔަކު ކުޅެފައޮތް ކުރު ފިލްމެއް
ބަޖެޓުގަ ޖަހާފަ އޮތީ ކިހާވަރެއް ކަން ހިމަނާލާ