ރިއަލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއެއް ސްޕައިނުގެ ސްކޮޑުގައި ނެތް

ސައުދުﷲ އަޙުމަދު

ފެށޭ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމުގައިވާ ޔޫރޯއަށް ސްޕައިނުން ނެގި 24 ކުޅުންތެރިންގެ ތެރޭގައި ލަލީގާ އަދި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު ރިއަލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއެއް ނުހިމަނާ ސްކޮޑް އިޢުލާނު ކޮށްފިއެވެ. އެ ގޮތުން ސްޕައިގެ ކެޕްޓަން  ސާޖިއޯ ރާމޯސް  ވެސް ވަނީ ސްކޮޑުން ބާކީވެފައެވެ. ރާމޯސް ސްކޮޑުން ބާކީވާން ދިމާވި މައިގަނޑު ސަބަބަކީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ލީގުގެ ގިނަ މެޗްތައް ގެއްލުމެވެ. ރާމޯސް މި ސީޒަނުގައި ރިއަލްއަށް ކުޅެދީފައިވަނީ އެންމެ 7 މެޗެވެ.

ރާމޯސްއާއި އެކު  ކުރިން ސްޕައިންގެ ޓީމަށް މުހިއްމު މެޗްތަކެއް ކުޅެދީފައިވާ އަދި ސަޕޯޓަރުންގެ މެދުގައި މަޤުބޫލު ބައެއް ކުޅުންތެރިން ކަމުގައިވާ އިސްކޯ،ނާޗޯ އަދި އެސެންސިއޯ ފަދަ ކުޅުންތެރިންވެސް ވަނީ ސްކޮޑުން ބާކީވެފައެވެ.

ސްކޮޑް ޢިއުލާނު ކުރުމާއިއެކު ސްޕެއިންގެ ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް ކޯޗް އެންރީކޭއަށް ވަނީ ކުރިމަތިވެފައެވެ. ގިނަ ސަޕޯޓަރުންގެ ޝަކުވާ ކުރިމަތިވެފައިވަނީ ރާމޯސް ބާކީކޮށް ފޯމް ގެއްލިފައިވާ ބައެއް ކުޅުންތެރިން ސްކޮޑަށް ނަގައިފައިވާ މައްސަލާގައެވެ. އެގޮތުން  އިންގުލޭންޑުގެ ވޫލްސްއަށް ކުޅެމުން އަންނަ ބިޔަ ވިންގާރ އަޑަމާ ޓަރޯރޭ މި ސީޒަނުގައި ތަފާތު ނޫންކަމަށް ގިނަ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.އަދި ސްކޮޑުގައި 26 ކުޅުންތެރިން ހިމެނިދާނެކަމަށް ޔޫއެފާއިން ނިންމާފައި ވަނިކކޮށް 24 ކުޅުންތެރިން ނެގުމަކީވެސް  ހެދި ގޯހެއްކަމަށް ގިނަ ސަޕޯޓަރުންނާއި ޕަންޑިތުން ދަނީ ބުނަމުންނެވެ.

މިއީ ފަހުގެ ތާރީހެއްގައި ރިއަލް މެޑްރިޑްގެ ކުޅުންތެރިން ނެތި ސްޕައިނު ފެނިގެން ދާނެ ފުރަތަމަ މުބާރާތެވެ.