Banner Image Description

ބޮލުގެ ނާށިގަނޑުގެ އޮޕަރޭޝަނަށް 5 ދުވަސް ފަހުން މަލާލާ ގެއަށް ދޫކޮށްލައިފި

ޢަބުދުﷲ ޙަމީދު

ތާލިބާނުން ބޮލަށް ބަޑި ޖަހާ ޒަޚަމްކޮށްލި ޕާކިސްތާނުގެ 15 އަހަރުގެ އަންހެން ކުއްޖާ، މަލާލާ ޔޫސުފް ޒައީގެ ބޮލުގެ ނާށިގަނޑުގެ އޮޕަރޭޝަނަށް 5 ދުވަހަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މަލާލާއަށް ތާލިބާނުންގެ ހަމަލާ އަމާޒުވެފައިވަނީ އަންހެން ކުދިން ތައުލީމް އުނގެނުމަށް ކެމްޕޭން ކުރުމާއި އެކު ޕާކިސްތާނުގައި އަންހެނުން ކުދިންނަށް ރަނގަޅު ތަޢުލީމެއް ލިބޭނޭގޮތް ހަދާދިނުމަށް ގޮވާލުމާއި އެކުއެވެ.

ބާމިންހަމް ސިޓީގެ ކްއީން އެލިޒަބަތު ހޮސްޕިޓަލުގައި ވަނީ މަލާލާގެ 5 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި ދެދުވަސްވަންދެން އައިސީ ޔޫގައި ފަރުވާދީފައިވާކަމަށް ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ. 15 އަހަރުގެ މަލާލާގެ ބޮލުގެ ނާށިގަނޑަށާއި ވާތު ކަންފަތަށް ލިބިފައިވާ ގެއްލުމަށް ޑަކުޓަރުން ވަނީ ފަރުވާދީފައެވެ. މިގޮތުން މަލާލާގެ ބޮލުގެ ނާށިގަނޑަށް ޓައިޓޭނިއަމް ޕްލޭޓެއް ލައްވާފައި ވާއިރު ވާތު ކަންފަތަށް އިލެކްޓްރޯނިކް ޑިވައިސްއެއް ލައްވައިފަ އެވެ.

އަސްކަރީ ފަރާތްތަކާއި ހަނގުރާމާގައި ޒަހަމުވާ ސިފައިންނަށް ފަރުވާދިނުމަށް ހާއްސަ ކްއީން އެލިޒަބަތު ހޮސްޕިޓަލުން ވަނީ މަލާލާ އެހޮސްޕިޓަލުން ދޫކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މިހާރު މަލާލާ އިނީ އިނގިރޭސިވިލާތުގެ ބާމިންހަމް ސިޓީގެ  ރައްކާތެރި ގެއްގައި ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.