Banner Image Description

ދަރިފުޅަށް އަނިޔާކޮށް ދަރިފުޅު މަރާލި ބައްޕަ، މެރުމަށް ޙުކުމް ކޮށްފި

މުޙައްމަދު އިމްރާން

8 އަހަރުގެ ދަރިފުޅަށް އެކިފަހަރުމަތިން އަނިޔާކޮށް އެކުއްޖާ މަރާލި ބައްޕަ މެރުމަށް ޙުކުމްކޮށްފިއެވެ. ދަރިފުޅުގެ ގައިގާ އިސްތިރިޖައްސާ ފިއްސާލުމުގެ އިތުރުން ، ކާން ދިނުމެއްނެތި އެކުއްޖާ އެތައްދުވަހެއް ވާންދެން، ފާހާނާއަށް ލައި ބޭރުން ތަޅުލައިގެން ގެންގުޅިފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

8 އަހަރުގެ ވަދީމާ އަލް ޝެރާޥީ، މަރާލާފައި އެއްލާލައިފާ ވަނިކޮށް ފެނިފާވަނީ ދުބާޢީގެ ހަނަފަސް ސަހަރާ އެއްގެ ތެރެއިންނެވެ. ފޮރިންސިކް ތަޙުލީލުތައް ކުރި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެކުއްޖާ މަރުވެފައިވަނީ އެކިފަހަރުމަތިން އެކުއްޖާގެ ބައްޕަ ކުރި ޖިސްމާނީ ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.

އެގޮތުން ކުއްޖާގެ މޫނާއި ގައިގެ އެތައް ތަނެއްވަނީ އިސްތި ޖައްސާ ފިއްސައިފައެވެ. އަދި ހަމައެހެންމެ ގައިގެ އެތައް ތަނެއްގައި ސިނގިރޭޓް (އަލިފާންބުރި) ޖައްސާފައި ހުރިކަންވެސް ފާހަގަކުރެވެއެވެ. އަދި ހަމައެހެންމެ، ބަނޑުހައި ހޫނުކަމަށް ކެތް ނުވެގެން އަމިއްލަ ގައިން (ޙާއްސަކޮށް ކޮލުން) މަސް ނައްޓައިގެން ކައިފާ ހުރިކަމަށް ލަފާކުރެވެއެވެ.

29 އަހަރުގެ ޙަމަދު ސަޢުދު އަލް ޝެރާޥީގެ އަމިއްލަ ދެދަރިންނަށް އަނިޔާކޮށްފައިވެއެވެ. އަދި މިކަމުގައި 27 އަހަރުގެ އަލް އަނޫދު އަލް އަމީރީ ބައިވެރިވެފައިވެއެވެ. އެއީއެކުދިންގެ ދޮންމަންމައެވެ.

އަނިޔާތަކުގެ ސަބަބުން 8 އަހަރުގެ ވަދީމާ މަރުވެފައިވީނަމަވެސް، ވަދީމާގެ ކޮއްކޮ، އުމުރުން އެންމެ 7 އަހަރުގެ މީރާ، ވަނީ ސަލާމަތް ވެފައެވެ. ނަމަވެސް، މީރާއަށްވެސް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މިހާރު މީރާއަށް އަންނަނީ ހަސްފަތާލުގައި ފަރުވާ ދެމުންނެވެ. މީޑިޔާ ރިޕޯރޓް ތައް ބުނާގޮތުން، މިހާރު މީރާގެ ހާލު ވަރަށްބޮޑުތަން ރަނގަޅުވެ ހަމައަކަށް ވަނީ އެޅިފައެވެ. ނަމަވެސް، ނަފުސާނީ ގޮތުން ލިބިފައިވާ އަނިޔާއަށް އިތުރު ކައުންސިލިން ބޭނުންވެއެވެ.

މިކަން ކުރިކަމަށް ކުއްޖާގެ ބައްޕަޔާއި އަނޫދު އަލް އަމީރީވެސް ވަނީ އެއްބަސްވެފައެވެ. އަދި ކޯޓުގައި އޮތް އަޑުއެހުމުގައި ވާހަކަދައްކަމުން އަމީރީ އެއްބަސްވެފައިވާ ގޮތުގައި، އެކުދިންގެ ގައިގާ އިސްތިރި ޖެއްސުމުގެ އިތުރުން، ކަރަންޓު ޖެއްސުމާއި، ފެނަށް ކަރަންޓް ދީފައި ބިލިގާގެ ތެރެއަށް އެރުވުމާއި، ލޮއި ނަރުން އައްސާފައި ބައިތިއްބައިގެން ހޫނުފެން އަޅާފައި ވާނެއެވެ.

ދުބާއީ ޕޮލިހުގެ، ޕޮލިސްކޯޕްރަލް، މުބާރަކު އަޙްމަދު ޠާލިބް މީޑިޔާގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެމީހުން ދިރިއުޅުނު އެޕާރޓްމަންޓަކީ، އިންސާނުން ދިރިއުޅޭ ފެންވަރުގެ ތަނެއް ނޫންކަމަށެވެ. އިތުރަށް އޭނާ ހާމަކުރެއްވީ، އެތަނުގައިދުވަނީ ވަރަށް ނުބައިވަހެއްކަމަށާއި، އެތަނުގައި ހުރީ އެންމެ އެނދުގަނޑަކާއި ދުވަސްހަމަވެފައިވާ ކާތަކެތިން ފުރިފައިވާ އައިސްއަލަމާރިއަކާއި އެފުއްމިފުށަށް ޖެހިފައިވާ ފަރުނީޗަރުތަކެކެވެ.

ދަރިފުޅަށް ބޮޑެތި އަނިޔާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށާއި އެކަން އެގޮތަށް އެވީ އެކުދިން ބަސްނާހާތީ އެކަމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ބުނިނަމަވެސް، ކޯރޓުން ޙުކުމް ކޮށްފައިވަނީ، އެއީ ގަސްތުގައި ހިންގާފައި ޢަމަލެއްކަމަށާއި، އެކަމުގެ އަދަބެއްގެ ގޮތުން ޙަމަދު ސަޢުދު އަލް ޝެރާޥީ މެރުމަށް ޙުކުމް ކުރާކަމަށާއި، އެކަމުގައި ބައިވެރިވެފައިވާތީ، އަލް އަނޫދު އަލް އަމީރީ މުޅި އުމުރަށް ޖަލަށް ލުމަށް ޙުކުމް ކުރާކަމަށެވެ.