ސުކޫލު ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

މިހާރު އަމަލުކުރުމަށް ހަމަޖެހިފައިވާ ސުކޫލުބޯޑުގެ ޤަވާޢިދާ އެއްގޮތަށް އިހަވަންދޫ މަދަރުސާގެ ސުކޫލުބޯޑުގެ މަޤާމުތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އެމަދަރުސާއިން ހުޅުވާލައިފިއެވެ. ސުކޫލު ބޯޑަށް ސަރުތު ހަމަވާ ފަރާތްތަކުން މިއަހަރުގެ ފެބުރުއަރީ މަހުގެ 3 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަމަށް އެދި ފޯމު ހުށައެޅުމަށް އެމަދަރުސާއިން އެދިލައްވައެވެ.

އިހަވަންދޫ މަދަރުސާއިން އިއްޔަ ކޮށްފައިވާ އިޢުލާނުގައި ވާގޮތުގައި މުދައްރިސުންގެ ތެރެއިން ސުކޫލު ބޯޑަށް ހޮވުމަށް ހަމަޖެހިފައިވަނީ ފަށާތަޢުލީމުގެ މުދައްރިސުންގެ ތެރެއިން އިންތިޚާބު ކުރާ 1 މެމްބަރާއި، ޘާނަވީ އާއި މަތީ ޘާނަވީ މުދައްރިސުންގެ ތެރެއިން އިންތިޚާބުކުރާ 1 މެމްބަރާއި ޑެޕިއުޓީ ޕުރިންސިޕަލުންނާއި ލީޑިންގ ޓީޗަރުންގެތެރެއިން އިންތިޚާބުކުރާ 1 މެމްބަރާއި އެކު ޖުމުލަ 3 މެމްބަރުންނެވެ. އަދި ބެލެނިވެރިންގެ ތެރެއިން ސުކޫލުބޯޑަށް ހޮވުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން އިންތިހާބުކުރާ 5 މެމްބަރުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތަމްޘީލްކުރާ ބެލެނިވެރިންގެ ތެރެއިން 1 މެމްބަރާއި އެކު 6 މެމްބަރުންނެވެ.

މިމަޤާމުތަކަށް ކުރިމަތިލުމަށްޓަކައި ބޭނުންވާ ފޯމު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް މަދަރުސާގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެމަދަރުސާއިން ހާމަކުރެއެވެ.