ބޮޑުތިލަދުންމަތި ފުޓުސަލް ޗެލެންޖް 2024 ގެ ފައިނަލް މެޗު މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ އިހަވަންދޫގެ ދެ ޓީމު ކަމުގައިވާ އެންވީކޭ އަދި ބޮޑުމަގު ޓީމެވެ.
ފައިނަލް މެޗު ފެށުމަށް ކުޑަތަންވެފައި ވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި މުބާރާތް އިންތިޒާމްކުރާ ފަރާތުން ބޮޑުމަގު ޓީމަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އޭގެ ކޮޕީއެއްވަނީ މި ނޫހަށް ލިބިފައެވެ.
ބޮޑުމަގު ޓީމަށް ފޮނުވާފައިވާ ލިޔުމަށް ބަލާއިރު އެއީ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޓީމު ނާވައިދޫއާއި ބޮޑުމަގު ޓީމު ބައްދަލުކުރި މެޗުގައި ހިނގާފައިވާ ކަންތައްތަކެއް ބެލުމަށްފަހު މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން ދީފައިވާ އިންޒާރެކެވެ.
ސެމީ ފައިނަލްގެ އެ މެޗަކީ ވަރަށް ވާދަވެރި ހޫނު މެޗެކެވެ. މެޗު ކުޅެމުންދިޔަ ވަގުތު ބޮޑުމަގު ޓީމުގެ ބެންޗުގައި ތިބި ބައެއް ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންގެ ފަރާތުން ކޮށްފައިވާ ގަވާއިދާ ޚިލާފު ފަސްކަމެއް ކޮމިޓީންވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ދަނޑަށް ފުޅި އުކުމާއި ކުޅެމުންދިޔަވަގުތު ދަނޑަށްއެރުން އަދި ތަކުރާރުކޮށް ރެފްރީންނާ ދެކޮޅުހަދައި ނުކިމަންތެރިވުން ހިމެނެއެވެ.
މިކަންކަން ތަކުރާރު ނުކުރުމަށް އިންޒާރު ދިނުމަށްފަހު، ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަން ކުލަބުންވަނީ އަންގާފައެވެ. އަދި އެފަދަ އަމަލުތަކަށް މުބާރާތުގެ ހިންގާ ގަވާއިދުގެ ދަށުން އެޅެންހުރި ފިޔަވަޅުތަކާއި އެކަމުގެ ސަބަބުން ޓީމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ކުލަބުންވަނީ ހަނދާން ކޮށްދީފައެވެ.
މިދިޔަ އަހަރުވެސް މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރި ދެ ޓީމު ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ބައެއް ކުޅުންތެރިންނަށްވެސް އަދަބު ދީފައިވެއެވެ.
މިކަމާ ގުޅިގެން މުބާރާތުގެ އޮގަނައިޒިންގ ކޮމިޓީގެ ޗެއަރ، ހުމައިދު މުހައްމަދު ބުނެފައިވަނީ ޓީމުތަކަށް ފިޔަވަޅު އެޅުމަކީ ކުލަބުގެ ރޫޙެއް ނޫންކަމަށާއި ވާދަވެރިކަމާއެކު ފޯރިގަދަކޮށް މެޗުތައް ކުރިއަށްދާން ކުލަބުން ބޭނުންވާކަމަށެވެ. ނަމަވެސް މުބާރާތުގެ މަގުސަދާއި ކުޅިވަރުގެ އަޚުލާގާއި މުޖުތަމައު ގަބޫލުކުރާ ހަމަތައް ނެގެހެއްޓުމުގައި ކުލަބުން ދެމިއޮންނާނެ ކަމަށެވެ. އަދި ރަށުގައި ބާއްވާފައިވާ އެހެން މުބާރާތްތަކުގައި ހިނގާފައިވާ ހަމަނުޖެހުންތައް ރައްޔިތުން ބަލައިނުގަންނަ ކަމަށާއި މި މުބާރާތަކީ އިތުބާރު ލިބިފައިވާ ސުލްހަވެރި މުބާރާތަކަށް ހެދުމަށް ޓީމުތަކުންދޭ އެއްބާރުލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.