ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މަރިޔަމް

ހއ. އިހަަވަންދޫން ފުލޫކޭސްތައް ކޮވިޑަށް ފައްސިވަމުން އަންނާތީ ރައްޔިތުން ސަމާލުވުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން އިލްތިމާސްކުރައްވައިފިއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން މިއަދު ކޮށްފައިވާ އާއްމު ޕޯސްޓެއްގައި ވަނީ ރޯގާގެ އަލާމަތްތަކާއެކު ޑޮކްޓަރަށް ދައްކާ ފަރާތްތައް ކޮވިޑު 19 އަށް ފައްސިވަމުން އަންނާތީ ތިމާގެ ކޮންޓެކްޓް ބަބުލް ވީހާވެސް ކުޑަކުރުމަށްޓަކައި މާސްކު އެޅުމާއެކު އިޖުތިމާއީ ގައިދުރުކަން އިސްކުރައްވަން އިލްތިމާސް ކޮށްފައެވެ.

މިއަދުވެސް އިހަވަންދޫން ވަނީ ކޮވިޑުގެ ކޭސް އެއް ފެނިފައެވެ. އާމިނާދިޔޯ ސިއްހީމަރުކަޒުން މިއަދު 16:30 ގައި އާއްމުކުރި މައުލޫމާތުގައި ވާގޮތުން މިއަދު ކޮވިޑަށް ފައްސިވެފައިވަނީ ރޯގާގެ އަލާމަތްތައް ހުރެގެން 24 ޑިސެމްބަރ 2021 ގައި ނެގި ފުލޫ ސާމްޕަލް އެކެވެ. މިކޭހާއި އެކު މިވަގުތު އިހަވަންދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 6 އަށް އަރައިފައެވެ.