ފަތުރުވެރިން ފިޔަވައި ރާއްޖެ އިން ބޭރުން އަންނަ އެންމެން ކޮވިޑަށް ޓެސްޓް ކުރަން ނިންމައިފި

ޢަބުދުﷲ ޙަމީދު

ފަތުރުވެރިން ފިޔަވައި ރާއްޖެ އިން ބޭރުން އަންނަ އެންމެން ކޮވިޑަށް ޓެސްޓް ކުރަން ނިންމައިފިއެވެ.

އާދިއްތަ ދުވަހު އެޗްޕީއޭއިން އާއްމުކުރި އުސޫލުގައިވާ ގޮތުން ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ ހުރިހާ ފަރާތްތައް ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ އެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ އޮމިކްރޯން ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަމަށްޓަކައި، ޑިސެމްބަރ 27 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށާއި ކޮވިޑު-19 ގެ ވެކްސިން ފުރިހަމަވެފައިނުވާ، ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ރާއްޖެ އައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ. (މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެއެވެ). އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނައްސިވުމުންނެވެ.

އަދި މިހާރުވެސް އޮންނަ ގޮތަށް ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން (ފަތުރުވެރިން ހިމެނޭގޮތަށް) ރާއްޖެއަށް ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. (މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައި ދަތުރުކުރާ 1 (އެކެއް) އަހަރުން ދަށުގެ ތުއްތު ކުދިން ޕީ.ސީ.އާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެއެވެ)