އައުސް "ރަންތާޖު" ގުރުއާން މުބާރާތަށް ހޮވިއްޖެ

މުޙައްމަދު އަކުރަމް

“ރަންތާޖު” ގުރުއާން މުބާރާތުގެ އޮޑިޝަނުން ހޮވުނު 20 ބައިވެރިންގެ ތެރޭގައި ހއ. އިހަވަންދޫ، އަމާޒް އިބްރާހިމް އައުސް ހިމެނިއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މިމުބާރާތުގެ އޮޑިޝަނުގައި 111 ބައިވެރިން ބައިވެރިވެފައިވާއިރު ރާއްޖޭގެ 6 ސަރަހައްދެއްގައި އޮޑިޝަންތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މި މުބާރާތުގެ އޮޑިޝަން ނިންމާލައި، މުބާރާތައް ހޮވުނު ބައިވެރިންގެ ނަންތައް އިއުލާނުކޮށްފައިވަނީ މިކަމަށްޓަކައިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މުބާރާތުގެ އޮޑިޝަންތަކުން ހޮވުނު 20 ބައިވެރިންގެ ނަންތައް ވަނީ އިއުލާނުކޮށްފައެވެ. މުބާރާތުގެ އޮޑިޝަންގެ ބައިވެރިންގެ ތެރެއިން 20 ފަރާތް ހޮވުމުގެ ކަންކަން ކުރިއަށް ދިޔައީ، މުބާރާތުގައި ކިޔެވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ކިޔެވުމަށް ފަނޑިޔާރުން ބެއްލެވުމަށް ފަހުގައެވެ.

3 ލައްކަ ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކިޔެވުން ކުރިޔަށްދާނީ އަންނަ ރަމަޟާން މަހުއެވެ. މި މުބާރާތުގައި އިންސާފު ކުރެވޭ ބައިތަކަކީ ބަލައިގެން ކިޔެވުން، ނުބަލައި ކިޔެވުން، ސޫރަތުއް ޟުޙާއިން ތިރީގެ ސޫރަތްތަކުގެ މާނަ، ޢުލޫމުލް ޤުރުއާނާއި އަސްބާބުއް ނުޒޫލުގެ ބައިތަކުގެ އިތުރުން ތަޖުވީދުގެ ބައިތަކެވެ.