މަލްޓި-ޕަރޕަސް ހޯލްގައި މިހާރު ކުރިއަށްދަނީ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކުރެވިފައިވާ މަސައްކަތް – އެމްޓީސީސީ

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ސްކޫލް މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ކައިރިވެފައި ކަމަށާއި، މިހާރު ކުރިއަށްދަނީ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކުރެވިފައިވާ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ހޯލްގެ މަސައްކަތުގެ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކުރެވިފައިވަނީ ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތެވެ. މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2022 ވަނައަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ. އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 7.7 މިލިއަން ރުފިޔާއަށެވެ.

ފުރަތަމަ މިމަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން ހަވާލުކުރީ އެސްކޮން ބިލްޑަރސްއާއެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު މިމަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 7 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ނަމަވެސް ތަކުރާރުކޮށް އެސްކޮން ބިލްޑަރސްއިން އެއްބަސްވުމާއި ހިލާފުވެފައިވާތީކަމަށްބުނެ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލީއެވެ.

އިހަވަންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.