ފައްސިޔަ ބުރުން ނިމިދާ ބުރަށް 3 ޓީމު

ޢަބުދުﷲ ޙަމީދު

ހއ. އަތޮޅު ކައުންސިލް އިމަގު ރަސްބެރު ޗެލެންޖް 2012 ގެ ފައްސިޔަ ބުރު ނިމި ނިމިދާ ބުރަށް 3 ޓީމު ހޮވިއްޖެ އެވެ. ފައްސިޔަ ބުރުން އެންމެ ރަނގަޅަށް ލަވަތައް ހުށައަޅައިދޭ ތިން ޓީމު ނިމިދާ ބުރަށް (ދެވަނަ ބުރަށް) ހޮވޭ މިމުބާރާތުގެ ނިމާދަށް ބުރަށް ހޮވުނު ޓީމުތައް އިޢުލާނުކުރީ ރޭ އޮތް ފައްސިޔަ ބުރުގެ އެލިމިނޭޝަންގަ އެވެ.

މުނިފޫހި ފިލުވުމުގެ ތަފާތު އައިޓަމްތަކާއެކު ކުރިއަށްދިޔަ އެލިމިނޭޝަނުން ކަޓާފައިވަނީ އޭވީ ބެރުފަޅާ ޓީމެވެ. އެހެން ކަމުންމިރޭ އޮންނަ ނިމިދާ ބުރުގައި ވާދަކުރާނީ ގަދައާރު ޓީމާއި ދަންބެރު ޓީމުގެ އިތުރުން ކަސަބު ޓީމެވެ.

ނިމިދާ ބުރުގައި ކޮންމެ ޓީމަކުންވެސް ބަބުރު ލަވަ އަކާއި ތިންބެރުލަވަ/ކާސިމަޖާ/ނަލަ (ގްރޫޕުން ބޭނުންވާ އެއްވައްތަރެއް) ލަވައަކާއި ޒަމާނީ ބޮޑުބެރުލަވައެއް ހުށައަޅާދޭން ޖެހެއެވެ. މުބާރާތުގެ ތިންވަނަ ބުރަށް (ބަދަވި ބުރަށް) ހޮވޭނީ ދެވަނަ ބުރުގައި އެންމެ ރަނގަޅަށް ހުށައަޅައިދޭ ދެޓީމެވެ.