އައި. ކްލަބުގެ ޕްރެކްޓިސްފަށައިފި

އަހްމަދު ޢަލީ

އެސޯސިއޭޝަން ފޯރ  އިހަވަންދޫ މޫވްމަންޓް (އެއިމް) އާއި އައި.ކްލަބުގުޅިގެން ދިރާގު ދިވެހިލީގު ކޮލިފިކޭޝަން ބުރުގައި ބައިވެރިވާ އިހަވަންދޫ ޓީމުގެ ޕްރެކްޓިސް ރޭ ފަށައިފިއެވެ.

ފަނަރަ ކުޅުންތެރިންނާއިއެކު ރޭ 10 ޖެހިއިރު ޓާފް ދަނޑުގައި ފެށި ޕްރެކްޓިސް ނިންމާލީ 2 ގަޑިއިރުގެ ޕްރެކްސްޓިސްއަށްފަހު 12 ޖެހިއިރުއެވެ.

ބީޖީ ސްޕޯޓްސްގެ އެސިސްޓެންޓް ކޯޗުއިސްމާއިލް އަނިލްގެ އެހީތެރިކަމާއެކު، އިހަވަންދޫ ޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗިންގ ދާއިރިން ބީ ލައިސެންސް ހާސިލްކޮށްފައިވާ ނަބީލު އެވެ.

މިވަގުތު އައި. ކްލަބު ހިންގުމާއި ހަވާލުވެހުންނެވި ހއ. އިހަވަންދޫ، ބްލޫހައުސް މުހައްމަދު އަބްދުއްލަތީފް (ތޯއްޕެ) ބުނީ ޕްރެކެޓިސް ފެށިގެން ކުރިއަށްދާއިރު، މިކަން ހަޤީގަތަށް ހަދައިދިނުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

“އައި. ކްލަބުގެ އިސްނެގުމާއެކު އެއިމްގެ ނަމުގައި ރާއްޖޭގެ ބޮޑު ފުޓްބޯޅަ މުބާރާތަކަށް އިހަވަންދޫ ޓީމެއް ނިކުތުމަކީ ވަރަށް ބޮޑު އުފަލެއް. އަދި ހަމައެހެންމެ ވަރަށް ބޮޑު ކުރިއެރުމެއް. މިކަމުގައި އެހީތެރިކަން ދެއްވި އަދި ދެއްވަމުންގެންދަވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން” މުހައްމަދު އަބްދުއްލަޠީފް ބުންޏެވެ.

ފަނަރަ ކުޅުންތެރިންނާއެކު ޕްރެކްޓިސް ފެށުނު ނަމަވެސް ރަށުގައި މިވަގުތު ތިބި ގިނަ ކުޅުންތެރިންނާއި، ރިސޯޓްތަކުގައި ތިބި ގިނަ އަދަދެއްގެ ކުޅުންތެރިންނާއިއެކު މޮޅު ސްކޮޑެއް މިފަހަރުގެ މުބާރާތުން ފެނިގެންދާނެކަމަށްވެސް މުހައްމަދު ބުންޏެވެ.