ކުޅުދުއްފުށީގައި 17 އަހަރުގެ ކުއްޖަކު ބަލިވެއިން މައްސަލައަކާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި

ޢަބުދުﷲ ޙަމީދު

ހދ.ކުޅުދުއްފުށީގައި 17 އަހަރުގެ އަންހެންކުއްޖަކު ބަލިވެއިން މައްސަލައަކާ ގުޅިގެން ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން މި އޯގަސްޓް މަހުގެ 1 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. އަދި މީނާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

2013 ޖުލައި 17 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސް  ސެންޓަރުން ފުލުހުންނަށް ހުށަހަޅާފައިވާ މިމައްސަލާގައި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ބަލިވެއިން ކުޑަކުއްޖާގެ ބަނޑަށް މިހާރުވަނީ 7 މަސްފުރިފައި ކަމަށް ފުލުހުން ހާމަކުރެއެވެ.