އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރުމުގެ މަސައްކަތް، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވީނަމަވެސް، ފާސްކޮށްފައިވާ ބަޖެޓްގައި މި މަސައްކަތް ކުރުމަށް ހިމަނާފައިވާ ފައިސާގެ އަދަދަކީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާގެ އަދަދަށްވުރެ މާކުޑަ އަދަދެއްކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެވުޒާރާއިން މިހެންބުނީ މިނޫހުން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، އެހެންކަމުން ފާސްކޮށްފައިވާ ބަޖެޓްގެ ތެރެއިން އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ލަފާނުކުރެވޭ ކަމުގައެވެ. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ބަޖެޓް ކޮށްފައިވާ އެ މަޝްރޫޢަށް 2024 ވަނަ އަހަރުގެ ބަޖެޓުން 1.9 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު، 2025 ވަނަ އަހަރު 1.5 މިލިއަން އަދި 2026 ވަނަ އަހަރު 1 މިލިއަން ރުފިޔާ އެމަޝްރޫއުއަށް ހޭދަވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ.
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މިމަޝްރޫޢޫ ބަޖެޓްގައި ހިމަނާފައެއް ނުވެއެވެ. މިމަޝްރޫއު ބަޖެޓަށް އިތުރުކުރީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީންނެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިހެން ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓަށް، މިމަޝްރޫޢުއަށް ފައިސާ އިތުރުކުރުމަށް ފޮނުވާފައެއް ނުވެއެވެ.