ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7” ގެ ފޯރިގަދަ ފައިނަލް ރައުންޑަށް ވާދަކުރާ އެންމެ ހުނަރުވެރި 5 ބައިވެރިން ކަށަވަރުވެއްޖެއެވެ.
މުބާރާތުގެ 7 ވަނަ ބުރުގައި ވާދަކުރި 7 ބައިވެރިންގެ ތެރެއިން، ފަނޑިޔާރުންނާއި ބެލުންތެރިންގެ ހިތްތައް އަތުލައިގެން މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ގަދަ 5 ބައިވެރިން އިޢުލާންކޮށްފައިވަނީ އިއްޔެ ބޭއްވުނު އެލިމިނޭޝަން ޝޯގައެވެ.
މަރްޔަމް ޝަހާމާ – ހއ. އިހަވަންދޫ، ބުލްބުލާގެ
ނަފްޙާ ނަސީމް – ރ. ފައިނު، އައްސޭރި
ޙައްވާ ޝީން އަޙްމަދު – ގއ. ވިލިނގިލި، ފިނިފެންޖަންބުގެ
ޙުސައިން ރަޝީދު – އއ. މަތިވެރި، އަތިރީގެ
މަރްޔަމް ޘާނީ – ށ. މިލަންދޫ، އަންނާރުމާގެ
ބައިވެރިންގެ އެންމެ ފަހުގެ ހުށަހެޅުންތައް ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ބަލާލެވޭނެއެވެ.
ދިވެހިރާއްޖޭގެ އަޑުން: ޖޫން މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގައި.
ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) އިން: ޖޫން މަހުގެ 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:30 ގައި.
ވޯޓުލުމުގެ ސުންގަޑި: ފައިނަލް ހުށަހެޅުންތަކަށްފަހު، ތިމާ އެންމެ ސަޕޯޓްކުރާ ބައިވެރިއަކަށް ޕީއެސްއެމް އެއަރ (PSM Connect) މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުޞަތު ޖުލައި މަހުގެ 5 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 11:00 އާ ހަމައަށް އޮންނާނެއެވެ.
ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ޓައިޓަލް ކާމިޔާބު ކުރާ ފަރާތަށް 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު، އަދި ފަރީ ޙައްޖު އުމްރާއިން ދޭ ޢުމްރާ ދަތުރެއް ލިބޭނެއެވެ.
ރޭޑިޔޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ” އަކީ ރޭޑިޔޯ ހުށަހެޅުންތެރިއަކު އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ތަފާތު މަސައްކަތްތަކާއި ގޮންޖެހުންތައް ތަޖުރިބާކޮށްދޭ ރިއަލިޓީ ޝޯވއެކެވެ. ކޮންމެ ހަފުތާއަކުވެސް މި ޝޯގެ ދެ އެޕިސޯޑެއް ގެނެސްދެއެވެ. އެއީ ތަފާތު ފޯމެޓްތަކަށް ބައިވެރިން ހުށަހަޅައިދޭ އެޕިސޯޑާއި، މުބާރާތުން ވަކިވާ ބައިވެރިން ކަނޑައަޅާ އެލިމިނޭޝަން އެޕިސޯޑެވެ.