ޔަންގް ބްލަޑް ބަލިކޮށް އެންވީކޭއިން ފެށުން ރަނގަޅުކޮށްފި

މުޙައްމަދު އަކުރަމް

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގައި އެންވީކޭއިން ކުޅުނު ފުރަތަނަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ފެށުން ރަނގަޅުކޮށްފިއެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި މޮޅަދޫ ޔަންގް ބްލަޑާއި ވާދަކޮށް، އެންވީކޭވަނީ 6-0 އިން މޮޅުވެފައެވެ.

އެންވީކޭގެ 6 ގޯލްގެ ތެރެއިން 3 ގޯލް ޖަހައި ލައްޔާހް ހެޓްރިކް ހެދިއިރު، ގައިޝް ދެ ގޯލް އަދި ޒަޔާން ގޯލެއް ޖެހިއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖާޒީ ނަންބަރު 19 ލައްޔާހްއެވެ.

އެންވީކޭ އިން މިމުބާރާތުގައި ކުޅޭ ދެވަނަ މެޗްގައި މިރޭ 21:15 ގައި 22 ސްޕޯޓްސް އާއި ދެކޮޅަށް ނުކުންނާނެއެވެ. 22 ސްޕޯޓްސް ކްލަބަކީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގެ އެންވީކޭއާ ވާދަކޮށް، ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު  2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީން ކުރި ހޯދައިގެންނެވެ.

މިމުބާރާތުގައި ވާދަކުރާ 5 ޓީމްގެ މެދުގައި ލީގް އުސޫލުން މެޗްތައްކުޅެ ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 31 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައެވެ.

21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށް ބާއްވާ މިމުބާރާތް ބާއްވާ މިއީ 5 ވަނަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ އެންވީކޭ ހޯދިއިރު، އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެންވީކޭގެ ދެ ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ އެންވީކޭގެ ހަސަން ގައިޝް މުހައްމަދު އަދި އަލީ ނާއިޝް އަހްމަދު ވަހީދުއެވެ.