ހަވާ އެރުވުމާއިއެކު މައިކަޕްގެ ފައިނަލް މިރޭ!

މުޙައްމަދު އަކުރަމް

ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މިރޭ އޮންނާނެއެވެ. ފައިނަލްގައި ވާދަކުރާނީ އެންވީކޭ އަދި ކުޅިމަގެވެ. މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާއިފް ޝަރަފަވެރިކޮށްދެއްވާ މިރޭގެ މެޗް ފުށުމުގެ ރަސްމިއްޔާތުގައި، ހަވާ އަރުވާނެކަމަށް ކްލަބް ޕޯލްސްޓާގެ ރައީސް މުހައްމަދު ސުޖާއު މިނޫހަށް މައުލޫމާތު ދެއްވިއެވެ.

މިއީ މިމުބާރާތުގެ ފައިނަލްގައި އެންވީކޭ ކުޅޭ 5 ވަނަ ފަހަރެވެ. އެއީ މިމުބާރާތުގެ ރެކޯޑެކެވެ. ނަމަވެސް އެޓީމަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ އަދި 1 ފަހަރުއެވެ. މިފަހަރު އެންވީކޭ އަށް މިމުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ، އެޓީމް ހިމެނިގެންދާނީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމްތަކުގެ ތެރޭގައެވެ. މިހާތަނަށް 2 ފަހަރު މައިކަޕް ކާމިޔާބުކޮށްފައިވަނީ 3 ޓީމަކުންނެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޖަންގަލް އަދި ޔުނައިޓެޑް ޔޫތެވެ.
މިއީ ކުޅިމަގު މިމުބާރާތުގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެޓީމަށް މުބާރާތް ކާމިޔާބުކުރެވިއްޖެނަމަ  މައިކަޕްގެ ތާރީޚުގައި އެޓީމްގެ ނަން ލިޔެވިގެންދާނެއެވެ. 2017 އަދި 2019 ވަނަ އަހަރު ކުޅިމަގުވަނީ، މިމުބާރާތުގެ ސެމީފައިނަލްގައި ކުޅެފައެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މި ދެޓީމް ބައްދަލުކުރި މެޗް ކާމިޔާބުކުރީ އެންވީކޭއެވެ. އެމެޗުން އެންވީކޭ މޮޅުކޮށްދިނީ 74 ވަނަ މިނެޓްގައި އެންވީކޭގެ ޕްރިންސް ލާބީއެވެ.

ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ވަނީ ބައިވެރިވެފައެވެ.  މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ.  2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.