މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓުލުން ނިންމައި ވޯޓު ގުނައި މަރުކަޒުގައި އިޢުލާނު ކުރި ވަގުތީ ނަތީޖާއާ އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ނަތީޖާއާ ދިމާނުވާ މައްސަލައެއް ފާހަގަ ކުރެވިއްޖެއެވެ.
މާލެގައި ތިބި ހއ. އިހަވަންދޫ އަދި ހއ. މޮޅަދޫ ގެ ރައްޔިތުންގެ ތެރެއިން ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ރައްޔިތުން ވޯޓު ލުމަށް ހެންވޭރު ދަނޑުގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ (AT.4) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހއ. އިހަވަންދޫގެ ވޯޓު ކަރުދާސްތައް އޮބުޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ގުނައި މަރުކަޒުގައި އިޢުލާނު ކުރިއަދަދުތަކާއި އިލެކްޝަންސް ކޮމިޝަނުން އެފޮށީގެ އިހަވަންދޫގެ ނަތީޖާގެ ގޮތުގައި އާއްމުކޮށްފައިވާ ނަތީޖާތަކުގައި ވަރަށްބޮޑު ތަފާތު ތަކެއް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިކާމާގުޅިގެން އިލެކްޝަންސް ކޮމިޝަންސްގެ ބަހެއް ހޯދުމަށް މިނޫހުން ކުރި މަސައްކަތް އަދި ކާމިޔާބުވެފައި ނުވާއިރު، މިއަދު އިލްކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމެއްގައި އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ މިހާތަނަށް އިލެކްޝަންސް އަށް ހުށައެޅިފަިއވާ މައްސަލަތަކުގެ ތެރޭގައި، ވޯޓުލާ މަރުކަޒުގައި އިޢުލާނުކުރި އަދަދު ނޫން އަދަދުތަކެއް އެންޓަރ ކޮށްފައިވާ ކަމުގެ ޝަކުވާ ހުށައަޅާފައިވާ ކަމަށް ހާމަކޮށްފައެވެ. މިހެން ހުރި ކަންތައްވެސް ޗެކުކުރުމުގެ މަސައްކަތް އިލެކްޝަނުން ކުރަމުންދާކަމަށް ޙަބީބު ވިދާޅުވިއެވެ.
މިމައްސަލަ، އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ފަރާތުން އިލެކްޝަންސް އަށް ހުށައަޅާފައިވާ ކަމުގެ މައުލޫމާތު މިނޫހަށް ވަނީ ލިބިފައެވެ.