ހއ. އިހަވަންދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ. އެގޮތުން މިއަދުވަނީ ހޮސްޕިޓަލްގެ ދެ ތަނބެއްގެ ބުޑު އެޅުމުގެ މަސައްކަތް ކޮށްފައެވެ.
އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ހެލްތް މިނިސްޓްރީއިން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ 99.6 މިލިޔަން ރުފިޔާއަށެވެ. އިހަވަންދޫގައި އިމާރާތް ކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިޕްރޮޖެކްޓްގެ ދަށުން އެކޮމަޑޭޝަން ބްލޮކަކާ ސާވިސް ބިލްޑިންގް އެއްވެސް އިމާރާތްކުރާނެއެވެ.
ހޮސްޕިޓަލް އިމާރާތްކުރަން ކަނޑައަޅާފައިވާ ބިން ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މިހޮސްޕިޓަލްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސް ނުވަތަ 540 ދުވަހެވެ.
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކުރީ 123.3 މިލިޔަން ރުފިޔާގެ އަގަކަށެވެ. ނަމަވެސް، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އިހަވަންދޫގައި ކުރަމުންދިޔަ މަސައްކަތް ވަނީ ވަކިހިސާބަކުން ހުއްޓާލާފައެވެ. އަދި އެ މަސައްކަތަށް ގެނެސްފައިވާ ތަކެތި ވިއްކާލުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނާއި މެޝިނަރީ ވަނީ އެހެން މަސައްކަތު ސައިޓަކަށް ބަދަލުކޮށްފައެވެ.