ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުކުރި ޓީމްތައް ޔަޤީންވެއްޖެއެވެ.

ގްރޫޕް އެކެއްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ބޮޑުމަގެވެ. ގްރޫޕް ދޭއްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ޖަންގަލްއެވެ. ގްރޫޕް އެކެއްގެ ދެވަނަ ޓީމްގެ ގޮތުގައި ސެންސިޓީ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރިއިރު، ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޖާގަހޯދީ އުލިގަން ޔޫތްއެވެ. 6 ޓީމް ވާދަކުރާ މިމުބާރާތުން މިހާތަނަށް ކަޓާފައިވަނީ ހޯރަފުށީ ޔޫތް އަދި ޔުނައިޓެޑް ޔޫތްއެވެ.

ޖުމުލަ 6 ޓީމެއް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިޔަށްދަނީ ދެ ގްރޫޕަކަށް ޓީމްތައް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި 3 ޓީމް އޮންނައިރު، ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމަށް ސެމީ ފައިނަލްގެ ސީދާ ޖާގައެއް ލިބެއެވެ. ދެވަނަ އަދި ތިންވަނަ ޓީމަށް ޖެހޭނީ ސެމީފައިނަލަށް ދިއުމަށް އިތުރު ޕްލޭ އޮފް މެޗެއް ކުޅޭށެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗް ކުޅޭނީ މާދަމާރެއެވެ. ސެމީ ފައިނަލްގައި ބޮޑުމަގު ސެންސިޓީ އާއި ދެކޮޅަށް ކުޅޭއިރު އުލިގަން ޔޫތާއި ދެކޮޅަށް ކުޅޭނީ ޖަންގަލް ޓީމެވެ.

މިއީ އިމަގު ޖަމިއްޔާއިން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ވޭތުވެދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫގެ ސެންސިޓީ ޓީމުންނެވެ. މިފަހަރުގެ މުބާރާތުގައި ސެންސިޓީ ބައިވެރިވިނަމަވެސް އެޓީމްގެ ނަން މުބާރާތް ފެށުމުގެ ކުރިން ސެންސިޓީ ޖޭ.އާރު އަށް ވަނީ ބަދަލުކޮށްފައެވެ. ސެންސިޓީ ޖޭ.އާރު ޓީމް ކުޅުނު ފުރަތަމަ މެޗްގައި ޖަންގަލް ވަނީ އެޓީމް ކޮށްޅަށް 14 ގޯލް ޖަހައިފައެވެ. ނަމަވެސް އެޓީމްގެ ކުޅުން ރަނގަޅުކޮށް ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ޔުނައިޓެޑް ޔޫތް ބަލިކޮށްވަނީ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ލިބޭނެއެވެ. މި އަހަރުގެ މުބާރާތުން ފެނިގެންދާ އެންމެ ބޮޑު ތަފާތަކީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު 3،000 ރުފިޔާއިން 20،000 ރުފިޔާއަށް ބޮޑުކޮށްފައިވުމެވެ.