ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2025” ގެ  ފައިނަލަށް އެންވީކޭ އަދި ޔުނައިޓެޑް ޔޫތް ދަތުރުކޮށްފިއެވެ.

ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގެ ފައިނަލަށް އެންވީކޭ ގޮސްފައިވަނީ ގްރޫޕް ސްޓޭޖްގައި އެއްވަނަ ހޯދައިގެންނެވެ. އަދި ޔުނައިޓެޑް ޔޫތު ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި އިރަމާޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓުން މޮޅުވެގެންނެވެ.

އެންވީކޭ އަކީ މިމުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމްވަނީ  5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީވެސް އެންވީކޭ އެވެ.

އެންވީކޭ އާއި ޔުނައިޓެޑް ޔޫތަކީ ވަރަށް ވާދަވެރި ދެ ޓީމެވެ. 2022 ވަނަ އަހަރުގެ ކައުންސިލް ކަޕްގެ ފައިނަލްގައިވެސް ވާދަކުރީ މި ދެ ޓީމެވެ. އެ ފަހަރުގެ ފައިނަލުން އެންވީކޭ މޮޅުވިއިރު، މެޗް ހޫނުވެ ބޮޑު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. މިއީ މި ދެ ޓީމު ބޮޑު މުބާރާތެއްގެ ފައިނަލްގައި ކުޅޭ ތިންވަނަ ފަހަރެވެ.

އެންވީކޭއަށް އޮތް އެންމެ ބޮޑު ހިންހަމަޖެހުމަކީ ކުރީގެ ދެ ފައިނަލުންވެސް އެންވީކޭ މޮޅުވެފައިވުމެވެ. ޔުނައިޓެޑް ޔޫތަށް އޮތް ހިތްހަމަޖެހުމަކީ 2023 ވަނަ އަހަރު އެންވީކޭ ބަލިކޮށް ކައުންސިލް ކަޕް ކާމިޔާބުކުރި ޖަންގަލް ޓީމުގެ  ކޯޗް ފަޔާޒް، މިހާރު އެ ޓީމުގެ ކޯޗަކަށް ހުރުމެވެ.

ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2025 ގައި ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ އެންވީކޭ، ކުޅިމަގު، ޔުނައިޓެޑް ޔޫތް އަދި ކްލަބް އިރަމާއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ އަދި ރަނަރަޕް ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތުގެ ފައިނަލް މެޗްކުޅޭނީ މިރެއެވެ.