ހއ. އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ، ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފިއެވެ. އަންނަ ނޮވެމްބަރު މަހުގެ 27 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ހާމަކުރެއެވެ.
އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިޔަށްގެންދާ މިމުބާރާތް ބާއްވާ މިއީ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2022 ވަނަ އަހަރު މިމުބާރާތް ބޭއްވީ “އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ” ނަމުގައި މުޅި ހއ އަތޮޅަށް ހުޅުވާލައިގެންނެވެ. އެއަށްފަހު އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު މިމުބާރާތް ބޭއްވީ “ރަސްތަރި ޤުރުއާން މުބާރާތް 2024” ގެ ނަމުގައި އިހަވަންދޫއަށް ހުޅުވާލާއުގެންނެވެ. އެ ދެ މުބާރާތުގެވެސް އެއްވަނަ ހޯދީ އިހަވަންދޫ ދޭލިޔާގެ ޔައިޝާ ޔާސިރު އިބްރާހިމްއެވެ.
މިއަހަރުގެ މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް ހުށަހަޅާފައިވަނީ އުމުރާ ދަތުރަކާއެކު 10,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މިމުބާރާތް ކުރިޔަށް ގެންދާނީ ތިން ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. ތިންވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޮވޭނީ ދެވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ.
ރަސްތަރި މުބާރާތުގެ ފުރަތަމަ އަހަރު ބޭއްވި މުބާރާތާ އެއްގޮތަށް މިއަހަރުގެ މުބާރާތް ބާއްވަނީވެސް ހއ އަތޮޅަށް ހުޅުވާލައިގެންނެވެ.