ދަމާ ގާޑިޔަލުގައި އައިސް އުފުލުން ނިމުމަކަށް ގެނެސް، އިހަވަންދޫ ކައުންސިލްގެ ވައުދު ފުއްދައިފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ އައިސްޕްލާންޓުގައި އުފައްދާ އައިސް، މަސްވެރި އުޅަނދުތަކަށް އައިސް އުފުލުމަށްޓަކައި ލޮރީއެއް ބޭނުންކުރަން ފަށައިފިއެވެ.

މިއީ މިއަހަރުގެ ސެޕްޓެމްބަރ މަހު އިހަވަންދޫ ކައުންސިލުން، އައިސްޕްލާންޓް ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް، އައިސް އުފުލުމަށް ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ލޮރީއެކެވެ. އައިސް އުފުލުމުގައި މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އިހަވަންދޫ ކައުންސިލްގެ އެދިލެއްވުމުގެ މަތިން ކައުންސިލަށް އެ ލޮރީ ހަދިޔާ ކޮށްފައިވަނީ، ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓިއޯ) އިންނެވެ.

އިހަވަންދޫ އައިސް ޕްލާންޓް ހުޅުވުނު ދުވަހުން ފެށިގެން، އައިސް އުފުލާނެ އިންޖީނުލީ އުޅަނދެއް ނެތުމުގެ ސަބަބުން، އުޅަނދުތަކާއި ހަމަޔަށް މަސްވެރިން އައިސް އުފުލަމުންދިޔައީ ދަމާ ގާޑިޔަލުގައެވެ.  އައިސް އުފުލުމަށް ހާއްސަ ކޮށްފައިވާ ލޮރީ ބޭނުންކުރަން ފެށުމުން، މަސްވެރިން އުފުލަމުންދިޔަ މި ބޮޑު ތަކުލީފަށް  ނިމުން އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މަސްވެރިންނަށް ފަސޭހައިން ދޯނިފަހަރަށް އައިސް ލެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ، މިހިނގާ 4 ވަނަ ދައުރުގެ ކައުންސިލްގެ އިންތިހާބީ ވައުދެކެވެ.