އަންނަ އަހަރަށް ލަފާކޮށް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި، ހއ. އިހަވަންދޫ ކައުންސިލަށް 22,498,885 (ބާވީސް މިލިއަން، ހަތަރު ލައްކަ ނުވަދިހަ އަށްހާސް، އަށްސަތޭކަ އަށްޑިހަ ފަސްރުފިޔާ) ރުފިޔާގެ ބްލޮކް ގްރާންޓެއް ހިމަނައިފިއެވެ. މިއީ މިހިނގާ 2025 ވަނައަހަރު އިހަވަންދޫ ކައުންސިލަށް ދިން ގްރާންޓަށްވުރެ 4.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިއީ ލާމަރުކަޒީ ޤާނޫނު ވުޖޫދުވިފަހުން އިހަވަންދޫ ކައުންސިލަށް ލިބޭ އެންމެ ބޮޑު ގްރާންޓުކަން ފާހަގަކުރެވެއެވެ. މި ގްރާންޓާއެކު، މިހާރު ހިނގަމުންދާ އިހަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ދައުލަތުން ލިބުނު ނުވަތަ ލިބޭނެ ކަމަށް ލަފާކުރެވޭ ގްރާންޓްގެ ޖުމްލަ އަދަދު 78.8 މިލިއަން ރުފިޔާއަށް އަރާނެއެވެ. މިކަން މިގޮތަށް ވެގެންދަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން، ދައުލަތުގެ ބަޖެޓްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ދޭން ލާޒިމް ކުރާތީއެވެ.
ލާމަރުކަޒީ ޤާނޫނަށް އަމަލުކުރަން ފެށިފަހުން އިހަވަންދޫ ކައުންސިލަށް 2011 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމަޔަށް ސަރުކާރުން ދޫކޮށްފައިވަނީ ޖުމްލަ 51.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން، އަންނަ އަހަރު އިހަވަންދޫ ކައުންސިލަށް ދޫކުރާ 22.4 މިލިއަން ރުފިޔާގެ ގްރާންޓާއެކު، މިހިނގާ ހަތަރުވަނަ ދައުރުގެ ކައުންސިލަށް ނިމިދިޔަ 3 ދައުރުގެ ހުރިހާ ކައުންސިލްތަކަށްވުރެ އިތުރަށް 27.3 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ.
އިހަވަންދޫ ސްކޫލަށް އަންނަ 2026 ވަނަ އަހަރަށް ބަޖެޓް ކޮށްފައިވަނީ 29.9 މިލިއަން ރުފިޔާއެވެ. މިއީ ހއ އަތޮޅުގެ ތައުލީމީ މުއައްސަސާއަކަށް ދޭއެންމެ ބޮޑު ބަޖެޓެވެ. އަދި އެއީ މިހނގާ 2025 ވަނަ އަހަރަށްވުރެ 2.75 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓެވެ. މި އަދަދަކީ މި އަހަރުގެ ބަޖެޓަށްވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.