އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަނުކުރަން، ކައުންސިލަރު ޝިފާޒާ ނިންމައިފިއެވެ.
ޝިފާޒާ މިއަދު ސޯޝަލް މީޑިޔާގައިބުނީ، އިންތިހާބުގައި ވާދަކުރުމަށް ރައްޔިތުން އެދުނުނަމަވެސް، އިންތިހާބަށް ކުރިމަތިލުމަކީ އެންޑީޕީ އިހަވަންދޫ ލީޑާޝިޕުން ރުހޭ ކަމެއްނޫންކަން އެބޭފުޅުންގެ ބަހުން ވަރަށް ރަނގަޅަށް މިހާރު ސާފުވެފައިވާ ކަމުގައެވެ. އެހެންކަމުން އެބޭފުޅުންގެ ހިތުގެ އެދުމަށް ހުރަކަހަށް ނުވުމަށްޓަކައި އިންތިހާބަށް ކުރިމަތި ނުލާން ނިންމާފައިވާކަމަށް ޝިފާޒާ ބުންޏެވެ.
ޝިފާޒާއަކީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އެމްޑީޕީ ޓިކެޓްގައި އިންތިހާބުވި ހަމައެކަނި ކައުންސިލަރެވެ. ޝިފާޒާ އިންތިހާބުވީ 872 ވޯޓް ހޯދައިގެންނެވެ. ހިނގަމުން މިދާ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުންނަށް ބަލާއިރު ޝިފާޒާއަކީ އެންމެ ތައުލީމީ އެއް ކައުންސިލަރެވެ. ޝިފާޒާވަނީ ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިންގ އަދި ޤުރުއާން ކިޔަވައިދިނުމުގެ ދާއިރާއިން ބެޗްލަރ ޑިގްރީ ފުރިހަމަކޮށްފައެވެ.