އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ރާއްޖޭގެ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ހިމެނޭ މަސައްކަތެކެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙްމަދު ސައުދީއެވެ.

އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމަކީ އިހަވަންދޫގެ ބިންހިއްކަމުން ދިޔަ ދުވަސްވަރުވެސް ބައެއް ފަރާތްތަކުން އެދެމުންދިޔަ ކަމެކެވެ. އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ބީޗެއް ތަރައްޤީކުރުމަށް ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އެމްޓީސީސީން ކުރެހުންތައްވެސް ތައްޔާރުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރު އެ ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި  ވަނީ ބައްދާލާފައެވެ.

އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރިއިރު އެއަށްވުރެ އިސްކަންދޭންޖެހޭ ކަންކަން ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން އިހަވަންދޫއަކީ ގިނަބަޔަކު ލަފާފުރާ ރަށަކަށްވީނަމަވެސް، އިހަވަންދޫ ބަނދަރުގެ އިރު އުތުރުފަރާތު ސިޑި ގަނބައިގެންފައިވާތީ މިހާރު ލަފާފުރުމަށް ބޭނުންކުރަނީ އެންމެ ސިޑިއެކެވެ. އެކަމުގެ ސަބަބުން ބައެއް އުޅަނދުތައް ގާތްކުރުމަށް އުނދަގޫވުމާއި، އުޅަނދުތަކަށް އަރާ ފޭބުމަށް ގިނަވަގުތު މަޑުކުރަންޖެހެއެވެ. މީގެއިތުރުން އިހަވަންދޫ ނެރު ފާކަށި ބަދަލުކުރުމަކީވެސް ރައްޔިތުން އެދިއެދި ތިބިކަމެކެވެ. އެމަސައްކަތް 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިނަމަވެސް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.