ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލަށް އަމިއްލަގޮތުން ވާދަކުރާނެކަން އިއުލާންކޮށްފައިވާ މިހާރުގެވެސް ކައުންސިލް ރައީސް އަހްމަދު ސޮބާހް އާއި އޭނާގެ ޓީމުން، އެކުލަވާލާ މެނިފެސްޓޯއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.
އެ ޓީމުން މައުލޫމާތު ދޭ ގޮތުގައި، މެނިފެސްޓޯއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ހާއްސަ ގޫގަލް ފޯމެއް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ މިފަހަރުގެ އިންތިހާބުގައި މިފަދަ ގޮތަކަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އިންތިހާބުގައި ވާދަކުރާ ޓީމަކުން ހުޅުވާލި ފުރަތަމަ ފަހަރެވެ.
ސޮބާހް އާއިއެކު އަމިއްލަ ގޮތުން އިހަވަންދޫ ކައުންސިލަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޓީމުގައި ހިމެނެނީ:
މީގެ އިތުރުން، އެ ޓީމާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާނެކަން އަދި އިއުލާންކުރައްވާފައިވަނީ ތޯހިރާ މުހައްމަދު އެވެ.
ސޮބާހްގެ ޓީމުން މިހާރުވެސް އަންނަނީ ކޮންމެ ދުވަހަކު ފޯރިއާއެކު ޑޯރ-ޓު-ޑޯރ ހަރަކާތްތަކާއި ކެމްޕެއިންގެ އެކި ހަރަކާތްތައް ރަށު ތެރޭގައި ހިންގަމުންނެވެ. އެ ޓީމުގެ ހަރަކާތްތަކުން ފާހަގަކުރެވޭ އެންމެ ބޮޑު އެއް ކަމަކީ، އިހަވަންދޫގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ތަފާތު ފިކުރުތަކުގެ މީހުން އެކުގައި މަސައްކަތް ކުރަމުންދާ ކަމެވެ. އެގޮތުން ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ގްރާސްރޫޓް ބައެއް މެމްބަރުންނާއި، ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ ބައެއް މެމްބަރުންގެ އިތުރުން ރަށުގެ ސިޔާސީ އެކްޓިވިސްޓުންނާއި ކަމުވޮށިގެންވާ ގިނަ ފަރާތްތަކެއް ސޮބާހްގެ ޓީމާއެކު އަމަލީގޮތުން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވެއެވެ.