ރޯޑް ޑިވެލްޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހއ. އިހަވަންދޫ ސައިޓުގައި 100 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މުވައްޒަފުންގެ މުސާރައަށް މަހަކު ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ހޭދަވާކަން ހާމަވެއްޖެއެވެ.
އިހަވަންދޫގައި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކަކާ ހަވާލުވެފައިވާ އާރުޑީސީން މިކަން ހާމަކުރީ، މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެ ކުންފުނިން ދިން މައުލޫމާތުގައިވާ ގޮތުން، އިހަވަންދޫ ސައިޓުގައި މިވަގުތު 102 މުވައްޒަފުން އެބަތިއްބެވެ. އަދި މިދިޔަ ޑިސެންބަރު މަހުގެ މުސާރައަށް އެކަނިވެސް 963,151.64 (ނުވަސަތޭކަ ފަސްދޮޅަސް ތިންހާސް އެއްސަތޭކަ ފަންސާސް އެއް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ޚަރަދުވެފައިވެއެވެ. ޕެންޝަން ކޮންޓްރިބިއުޝަނާއެކު މި އަދަދު މަހަކު މިލިއަނަކަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.
އާރުޑީސީއާ އިހަވަންދޫގައި ހަވާލުކޮށްފައިވާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
މި ހުރިހާ މަޝްރޫއެއްގެ މަސައްކަތްވެސް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. މަސައްކަތަށް ބޭނުންވާ ރޯމެޓީރިއަލްސް ނުވަތަ ސާމާނު ހުސްވުމުގެ ސަބަބުން މަސައްކަތްތައް ހުއްޓިފައި ނުވަތަ މަޑުޖެހިފައި އޮންނަކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މުވައްޒަފުންނަށް މެނުއަލްކޮށް (އަތުން) ކުރަންޖެހޭ މަސައްކަތްތައް އިތުރުވެ، އެއް މަސައްކަތެއް ތަކުރާރުކޮށް ކުރަންޖެހުމުގެ ސަބަބުން އާންމުންނަށްވެސް އޭގެ އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
މަގުހެދުމުގެ މަސައްކަތް ކުރިޔަށް ދާއިރުވެސް، ބައެއް ކަހަލަ ސަޕްލައިސް މަދުވުމުން، މަގުގެ އެއްފަޅި ކޮނެފައި މަސައްކަތް ކުރުމަށްފަހު، ތަކުރާރުކޮށް އެއްމަގެއްގެ އެއްސަރަހައެއްދެއް ކޮންނަމުން ދާދިއުމަކީ އާނމުންގެ ކަންބޮޑުވުން އޮތްކަމެކެވެ. އެކުންފުނިން ތަރައްޤީ ކުރަމުންދާ ހުރަވީ ދަނޑުގެ ސަބްބޭސް ހެދުމަށްފަހު އެތައްދުވަހެއް ވެފައިވާއިރުވެސް، ޓާފް ނުލިބުގެ ސަބަބުން ދަނޑުގެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ. ދަނޑުގައި މިހާރު ހިނގާ މަސައްކަތަކީ ސަބްބޭސްގައި ވިނަ ހެދުމުން ދުވަސްދުވަހުން ވިނަ ނޮޅުމުގެ މަސައްކަތެވެ.
ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އިތުރު މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން، އިހަވަންދޫ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ކަނޑާ 7 އިންސައްތަ، ޕެންޝަން އޮފީހަށް ޖަމާނުކުރާތާ އެތައް މަހެއް ވެފައިވާކަން ވަނީ އެނގިފައެވެ. މިއީ މުވައްޒަފުންގެ ހައްގުތަކާ ގުޅިފައިވާ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ.
އެކުންފުންޏާއި ހަވާލުކުރި އެއްވެސް މަސައްކަތެއް ނުނިމުނު ނަމަވެސް، އެކުންފުނީގެ ސީއެސްއާރުގެ ދަށުން ވަނީ ގިނަ މަސައްކަތްތަކެއް އިހަވަންދޫގައި ނިންމާފައެވެ. އެގޮތުން އިހަވަންދޫ ސްކޫލްގައި ތަރައްޤީކުރި ފުޓްސަލް ދަނޑާއި، އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ވޯކްވޭ އަދި ކައުންސިލް ޕްރީ ސްކޫލްގެ ވޯކްވޭގެ އިތުރުން، ކަފާ މާމަ މައިޒާނުގެ ވޯކްވޭ ހެދުމުގެ މަަސައްކަތް ހިމެނެއެވެ. މީގެއިތުރުންވެސް އިހަވަންދޫގެ ސަރުކާރު މުއައްސަސާތަކުގެ ރިކުއެސްޓަށް، އެކުންފުނިންވަނީ އެތައް މަސައްކަތްތަކެއް ކޮށްދީފައެވެ. އެކުންފުނީގެ މަޝްރޫޢުތައް ކުރިއަށްދާ ރަށްތަކުގެ ސައިޓުތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ހިންގުންތެރި ސައިޓަކަށް ދެވޭ އުމަރު ޒާހިރު އެވޯޑް ހާސިލުކުރީ ހއ. އިހަވަންދޫ ސައިޓުންކަން ފާހަގަކުރެވެއެވެ.
އިހަވަންދޫ އާރުޑީސީ ސައިޓްގެ މުވައްޒަފުންގެ ގޮތުގައި 102 މުވައްޒަފުން ތިބިކަމަށާއި އެމުވައްޒަފުންނަށް މުސާރަދޭކަމަށް، އާރުޑީސީ އިން ބުނިނަމަވެސް އާރުޑީސީ އިހަވަންދޫ ސައިޓްގެ މަސައްކަތަށް ހާޒިރުވަނީ 82 ވަރަކަށް މުވައްޒަފުންކަން ވަރަށް އިތުބާރުހުރި މަސްދަރަކުން މިނޫހަށްވަނީ ކަށަވަރުވެފައެވެ. ސަރުކާރު ބައެއް ކުންފުނިތަކާއި މިނިސްޓްރީތަކުގައި، މަސައްކަތަށް ނުނިކުތްނަމަވެސް މުސާރަލިބޭ މުވައްޒަފުން ތިބޭކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.