ހއ. އިހަވަންދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ބިނާކުރާ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ޗީފް ފައިނޭންޝަލް އޮފިސަރ އަލްފާޟިލް ޙަސަން ރިފާއީ ބުޝްރީ ސޮއިކުރެއްވިއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ. .
މިއަދު ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި އިމާރާތްކުރާ އައު އިމާރާތްތަކުގެ މަސައްކަތް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކޮށްފައެވެ، މި މަޝްރޫޢުތަކުގެ ތެރެއިން 18 މަޝްރޫޢެއް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ 6 މަޝްރޫޢެއް އަދި އެމް.ޓީ.ސީ.ސީ އާ 4 މަޝްރޫޢެއް ވަނީ ހަވާލުކޮށްފައެވެ. އިހަވަންދޫ ސްކޫލްގެ މަސައްކަތް ހަވާލުކުރީ އާރް.ޑީ.ސީ އާއެވެ.
އިހަވަންދޫ ސްކޫލަކީ މިއަހަރުގެ އައު ދިރާސީ އަހަރާއެކު އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާފައިވާ ސްކޫލެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ދިރާސީ އަހަރުގައި އިހަވަންދޫ ސްކޫލްގައި 790 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ. ނިމިދިޔަ އަހަރު އެ ސްކޫލްގައި 825 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ގޮސްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާރުޑީސީއާ ހަވާލުކޮފައިވާ އިހަވަންދޫ ސްކޫލްގެ އައުއިމާރާތުގައި 12 ކްލާސްރޫމް ހުންނާނެއެވެ. މިމަސްރޫޢުގެ އަގާއި ނިންމަންޖެހޭ މުއްދަތެއް އަދި ނޭގެއެވެ.
އިހަވަންދޫ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އާރުޑީސީއާ ހަވާލުކޮށްފައިވެއެވެ. އޭގެތެރޭގައި އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާ، އިހަވަންދޫ ހޮސްޕިޓަލް އަދި ޕޮލިސް ސްޓޭޝަނުގެ މަސައްކަތުގެ އިތުރުން އިހަވަންދޫ ހުރަވީ ދަނޑުގެ މަސައްކަތް ހިމެނެއެވެ. އެހުރިހާ މަސައްކަތެއްވެސް ކުރިޔަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ.