ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން “ރޯދަ ބާޒާރު” ކުރުމަށްޓަކައި، ގިނަ ރަށްތަކަކުން ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ހއ. އިހަވަންދޫއަށް ޒިޔާރަތްކޮށްފިއެވެ.
އިހަވަންދޫ ރޯދަ ބާޒާރު ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ހއ. އިހަވަންދޫ، ހޯރަ، އިބްރާހިމް މޫސާ މިއަދު މިނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، މިއަދު އެކަނިވެސް ރޯދަ ބާޒާރު ކުރުމަށްޓަކައި 17 ރަށަކުން ހާހަކަށް ވުރެ ގިނަ މީހުން ވަނީ އެ ރަށަށް އައިސްފައެވެ. މީގެ ތެރޭގައި ހއ. އަތޮޅުގެ އިތުރުން ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ހިމެނެއެވެ. އިބްރާހިމް މޫސާ މައުލޫމާތު ދިންގޮތުގައި ރޯދަ ބާޒާރަށް އައުމަށް ހދ ކުޅުދުއްފުށީ ދަމް އެކްޕްރެސް ބޯޓް ހަމަޖައްސާފައިވާއިރު އިއުލާންކުރިތާ 4 ދުވަސްތެރޭ އެބޯޓްގެ ޖާގަވަނީ ފުލްވެފައެވެ. އެބޯޓުން އެކަނިވެސް 350 އެއްހާ މީހުން ދަތުރުކުރިކަމަށް އިބްރާހިމް މައުލޫމާތުދިނެވެ.
މި ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން ވަނީ، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ދަތުރުވެރިންނަށް ލުއިފަސޭހަވާނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށެވެ.
“ދަތުރުވެރިންނަށް ރަމްޒީ ހަދިޔާއެއް ދިނުމުގެ އިތުރުން، ފާހަނާ ކުރެވޭނެ އިންތިޒާމާއި އަރާމުކޮށްލެވޭނެ (ރެސްޓް ކުރެވޭނެ) އިންތިޒާމްތައް ކައުންސިލުން ވާނީ ހަމަޖައްސާފައި،” ސޮބާހް ވިދާޅުވިއެވެ.
މީގެ އިތުރުން، ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލުން ވަނީ ބަނދަރުމަތީގައި ވިޔަފާރި ކުރެވޭނެ ޚާއްސަ ސްޓޯލްތަކެއް ގާއިމްކޮށްފައެވެ. މި ސްޓޯލްތައް ދޫކޮށްފައިވަނީ އެކަމަށް އެދުނު ހުރިހާ ވިޔަފާރިތަކަށް މުޅިން ހިލޭކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުކުރުމަށް ގިނަ ބަޔަކު އިހަވަންދޫއަށް ޒިޔާރަތްކުރާކަން ފާހަގަކުރެވެއެވެ.