ހއ. މާދުނިފަރުގައި ރިސޯޓް ތަރައްޤީކުރުމަށް 3 ސްލޮޓެއް ބީލަމަށް

މުޙައްމަދު އަކުރަމް

ހއ. މާރަންދޫ ކައިރީގައި އޮންނަ ހއ. މާދުނިފަރާއި، ހއ. ކެލާ ފަޅު ހިމެނޭހެން 5 ސަރަހައްދެއްގައި ރިސޯޓް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދަން ޓޫރިޒަމް މިނިސްޓްރީއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ތަންތަނަކީ މިދިޔަ އަހަރުގެ ނޮވެމްބަރ މަސް ތެރޭވެސް ބީލަމަށް ހުޅުވައިލި ތަންތަނެވެ. އިންވެސްޓަރުން ނުވެގެން އަނެއްކާވެސް މިތަންތަން އަނެއްކާވެސް ބީލަމަށް ލާފައިމިވަނީ އިއްޔައެވެ.

ހއ. މާރަންދޫ ކައިރީގައި އޮންނަ ހއ. މާދުނިފަރުގެ 3 ސްލޮޓެއް ބީލަމަށް ލާފައިވެއެވެ. އެއިން ކޮންމެ ސްލޮޓެއްގައި 200 ހެކްޓަރ ހުންނައިރު ކޮންމެ ސްލޮޓެއްގެ  އެކުއިޒިޝަން ކޮސްޓު ފަށަނީ 2.1 މިލިއަން ޑޮލަރުންނެވެ. ހއ. ކެލާ ފަޅުން 156 ހެކްޓަރު އަދި 169 ހެކްޓަރުގެ ޕްލޮޓެއް ބީލަމަށް ލާފައިވާއިރު، ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ދެ ޕްލޮޓް ބީލަމަށް ލާފައިވެއެވެ. މީގެ އިތުރުން ހދ. މާފަރުން 200 ހެކްޓަރުގެ ދެ ޕްލޮޓަކާއި ށ. ގޮނާ ފަރުން 200 ހެކްޓަރުގެ 3 ޕްލޮޓެއްވެސްވަނީ ބީލަމަށް ލާފައެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ފަޅުތަކެއްގައި ރިސޯޓް ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ލާފައިވާއިރު، ހާއްސަ އިނާޔަތްތަކެއް ދީގެން ވިޔަސް ރިސޯޓު މަދު އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ރިސޯޓުތައް މަދުވުމުން ހާއްސަ އިނާޔަތްތަކެއް ދޭން ނިންމާފައިވާ އަތޮޅުތަކަކީ، ހއ. އާއި ހދ. އާއި ށ. ގެ އިތުރުން ލ. އާއި ތ. އަތޮޅެވެ.