މިމަހުގެ 27 ހުގައި އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ!

މުޙައްމަދު އަކުރަމް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ “އިޙްޔާ ފޯރަމް”  މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް އެވުޒާރާއިން އާންމުކޮށްފިއެވެ. އެވުޒާރާއިން މިއަހަރު ތާވަލް ކޮށްފައިވަނީ މާލޭގައި 8 ފޯރަމް އަދި އަތޮޅުތެރޭގެ 10 ރަށެއްގައި ފޯރަމްތައް ބޭއްވުމަށެވެ.

މިއަހަރުގެ ފޯރަމް އަތޮޅުތެރޭ ބާއްވާ 10 ރަށުގެ ތެރޭގައި އިހަވަންދޫ  ހިމެނެއެވެ. އިހަވަންދޫގައި ފޯރަމް އޮންނާނީ މިމަހުގެ 27 ވާ ހުކުރު ދުވަހުގެ ރެއެވެ. އިހަވަންދޫގައި ބާއްވާ ފޯރަމްގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝެއިހް މުޙައްމަދު ސާމީ އެވެ. ޝެއިހް ސާމީ ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ މައުލޫއަކީ “މައިންބަފައިންނާއި ދަރިންގެ ގުޅުން – ހުސްކަން ނައްތާލުން”  އެވެ. އަތޮޅުތެރެއިން މި ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ރިޢާޔަތްކުރުމަށްފަހުކަމަށް  އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ އިހަވަންދޫ ކައުންސިލުން އެކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބު ވުމުން ކަމުގައެވެ. އިހަވަންދޫ ކައުންސިލުންވެސް އެންނަނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދީނީ ދަރުސްތައް ކޮންމެ އަހަރަކުވެސް ބާއްވަމުންނެވެ.

މި ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ޚާއްޞަ ކަމެއްގެ ގޮތުން، މިއަހަރުގެ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ދިނުމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އެއީ ވީހާވެސް ގިނަ ބަޔަކު މި ފޯރަމްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

އިހަވަންދޫގެ އިތުރުން އަތޮޅު ތެރޭގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ތ. ދިޔަމިނގިލި، ތިނަދޫ ސިޓީ، ގދ. މަޑަވެލި، ގދ. ގައްދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް، އަދި ރ. މީދޫ އެވެ.