ކުލަބު ޕޯލްސްޓަރގެ 24 ވަނަ ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފިއެވެ. ޕޯލްސްޓަރ ހިޔާގައި ކުރިޔަށްދާ މިމުބާރާތުގެ ކިޔެވުން ފަށައިފާވަނީ މިއަދު ހަވީރުއެވެ. މިމުބާރާތުގެ ކިޔެވުން މާދަމާ ހަވީރާއި ހަމަޔަށް ކުރިޔަށް ދާނެއެވެ.
ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މިމުބާރާތް ކުރިޔަށް ދާނީ މާދަމާ ހަވީރާއި ހަމަޔަށެވެ.
މިއީ އިހަވަންދޫގައި މެދުނުކެނޑި ކުރިޔަށްދާތާ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ. މިމުބާރާތުގައި މިއަހަރު 93 ކުއްޖަކު ވާދަކުރެއެވެ. މިދިޔަ އަހަރު ބޭއްވި ކުލަބު ޕޯލްސްޓަރގެ 23 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދީ އައިޝަތު މައިހާ މާހިރު ރަށްމެދުގެ، ހއ. އިހަވަންދޫ އެވެ.