މަސްވެރިންނަށް ތެޔޮވިއްކާ އަގު އަނެއްކާވެސް ބޮޑު ކޮށްފިއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެސްޓިއޯގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމް އިން މިމަހުގެ 16 ވަނަ ދުވަހުވަނީ އެކުންފުނީގެ ފިއުލް ޝެޑްތަކުން އާމުންނަށް ވިއްކަމުންދިޔަ ތެއޮ ފިޔަވާ އެހެން ފަރާތްތަކަށް ވިއްކަމުންދިޔަ ތެއޮ އަގުބޮޑު ކޮށްފައެވެ.
އެފްއެސްއެމްއިން އިހަވަންދޫގައި ތެޔޮ ވިއްކަމުން އަންނަ ފިއުލް ޝެޑުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަނެއްކާވެސް މިވަނީ ބޮޑު ކޮށްފައެވެ. އެގޮތުން މަސްވެރިކަމުގެ ލައިސަންސް އޮތް ދޯނިފަހަރަށް 28.75ރ އަށް ވިއްކި ޑީސަލް މިހާރު ވިއްކަނީ 29.55ރ އަށެވެ. އެއީ 80 ލާރީގެ އަގުބޮޑުވުމެކެވެ. ސަބްސިޑީއަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކަށް 28.24ރ އަށް ވިއްކަމުން އައި ތެޔޮ މިހާރު ވިއްކަނީ 29.07ރ އަށެވެ. އެއީ 83 ލާރީގެ އަގުބޮޑުވުމެކެވެ.
މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ބޮޑު ކުރިނަމަވެސް އާނމު އުޅަނދުތަކަށް ތެޔޮވިއްކާ ރޭޓް މިމަހުގެ 16 އިގެ ފަހުން ބޮޑު ނުކުރާ ކަމަށްވެއްއެވެ. އެރޭޓް ހުރީ 28.24ރ އަށެވެ. އެހެންކަމުން މިހާރު މަސްވެރިން ތެޔޮއަޅަނީ އާންމު އުޅަނދުތަކަށް ތެޔޮވިއްކާ ރޭޓުންކަމަށްވެއެވެ. އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ކަނޑައަޅާފައިވާ ހެޔޮ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނި ނަމަވެސް، އަދިވެސް އެ އިންތިޒާމް ހަމަޖައްސައި ނުދޭކަމަށް އުޅަނދުތަކުގެ ވެރިން ބުނެއެވެ.