އާރުޑީސީ އިހަވަންދޫ ސައިޓަށް 14 މުވައްޒަފުން ހޯދަނީ!

މުޙައްމަދު އަކުރަމް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިހަވަންދޫ ސައިޓަށް 14 މުވައްޒަފުން ހޯދުމަށް އިއުލާން ކޮށްފިއެވެ. އިންތިހާބަށް ހަފުތާއަކަށްވުރެ ކުޑަތަންވެފައި އޮށްވާ އިއުލާންކުރި މިވަޒީފާތަކަށް ކުރިމަތިލާން ދީފައިވަނީ އެންމެ 2 ދުވަހުގެ ކުރު މުއްދަތެކެވެ.

އެކުންފުނީގެ އިހަވަންދޫ ސައިޓަށް މުވައްޒަފުން ހޯދާ މަޤާމްތަކަކީ:

1 ސައިޓް މެނޭޖަރ – މުސާރަ: 25،450ރ
2 ސްޕަވައިޒަރ – މުސާރަ: 14،000ރ
1 އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރ – މުސާރަ: 11،000ރ
1 ޕްރޮޖެކްޓް އެސިސްޓެންޓް – މުސާރަ: 9،000ރ
1 ލޮރީ ޑްރައިވަރު – މުސާރަ: 11،000ރ
4 ސެކިއުރިޓީ ގާޑް – މުސާރަ: 8،000ރ
4 ސަޕޯޓް ސްޓާފް – މުސާރަ: 8،000ރ

އަލަށް މިނަގާ މުވައްޒަފުންނާއިއެކު އިހަވަންދޫ އާރުޑީސީ ސައިޓްގެ މުވައްޒަފުންގެ އަދަދު 100 އަށްވުރެ އިތުރުވާނެއެވެ. މިދިޔަ ފެބްރުއަރީ މަހު އެކުންފުނިން މިނޫހަށް މައުލޫމާތު ދިންގޮތުގައި އޭރު އެކުންފުނީގެ އިހަވަންދޫ ސައިޓްގައި 102 މުވައްޒަފުން ތިއްބެވެ. އަދި އެ މުވައްޒަފުންގެ މުސާރަޔަށް މަހަކު 963,151.64ރ ހޭދަކުރަން ޖެހެއެވެ. އެހެންކަމުން އަލަށް ނެގޭ މުވައްޒަފުންނާއި އެކު އެކުންފުނީގެ އިހަވަންދޫ ސައިޓްގެ ޕޭރޯލް މަހަކު 1 މިލިއަން ހުރަސްކުރާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުވެސްވަނީ އަލަށް 14 މުވައްޒަފުން  ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗަށް ނެރެފައެވެ. މި އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުތަކާއި،  އެއްޓީމެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރާ ޓީމްގެ އެކްޓިވިސްޓުން ދަނީ ވަޒީފާ ބޭނުންވާ ފަރާތްތަކާ ގުޅައި، ސަރުކާރު ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދިނުމުގެ މުޢާމަލާތްތައް ކުރަމުންނެވެ.

މިއީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ވަގުތެއްގައި ހިނގަމުންދާ ކަމަކަށްވާތީ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި، ދިވެހި ސަރުކާރުން މިގޮތަށް ވަޒީފާތައް އިތުރުކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

އިޤްތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ސިޔާސީ ބޭނުންތަކަށް ކުންފުނިތަކުގެ ހަރަދު ބޮޑުކުރުމަކީ އިޤްތިޞާދަށް އޮތް އިތުރު ނުރައްކަލެކެވެ.