ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިހަވަންދޫ ސައިޓަށް، މިއަދު އެކަނިވެސް 14 އަށްވުރެ ގިނަ މުވައްޒަފުން އަލަށް ވަޒީފާއަށް ނެރެފިއެވެ.
މިކަމުގެ މަޢުލޫމާތު ހުރި ބައެއް ފަރާތްތަކުން މި ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަލަށް ވަޒީފާ ދީފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. އަދި މި ފަހަރު ނެގި މުވައްޒަފުންގެ ތެރޭގައި ގިނައީ މެނޭޖްމެންޓް ލެވެލްގެ މަގާމުތަކަށް ނެގި މީހުންކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި މެނޭޖަރުން، އެސިސްޓެންޓް މެނޭޖަރުން، އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރުން އަދި ސްޕަވައިޒަރުން ހިމެނެއެވެ.
އިހަވަންދޫގައި ހިންގާ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ އާރު.ޑީ.ސީ އާއެވެ. ނަމަވެސް، ކުންފުންޏަށް މުވައްޒަފުން އިތުރުކުރަމުން ދާއިރު، އަމަލީ މަސައްކަތްކުރާ ސަޕޯޓް ސްޓާފުންނަށްވުރެ ބޮޑަށް މެނޭޖްމެންޓް ލެވެލްގެ މުވައްޒަފުން ނެގުމަށް އިސްކަންދީފައިވާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެކި ސަބަބުތަކާއިހުރެ އެކުންފުނިން އިހަވަންދޫގައި ހިންގަމުންދާ ޕްރޮޖެކްޓްތައް ކުރިޔަށްދަނީ ބަރަވެލި ސްޕީޑްގައެވެ.
އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވީ ނަމަވެސް، އިއްތިފާގަކުން ނަމަވެސް އިހަވަންދޫގައި ހުރި ސަރުކާރުގެ އެކި ކުންފުނިތަކަށް މި ދުވަސްވަރު ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ އައްޔަންކުރަމުންނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، ފެނަކަ އިހަވަންދޫ ބްރާންޗަށްވެސް އިންތިޚާބާ ދިމާކޮށް މިހާތަނަށް 22 މުވައްޒަފުން ވަނީ ނަގާފައެވެ. އާރު.ޑީ.ސީ އަށް މިއަދު ނެގި 14 މުވައްޒަފުންނާއެކު އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އިހަވަންދޫގައި އޮފީސް ގާއިމްކުރިތާ ދެ އަހަރު ވެފައިވާއިރުވެސް އެއްވެސް ޚިދުމަތެއް ފަށާފައިނުވާ ވެމްކޯ ސައިޓަށްވެސް މި ދުވަސްވަރު ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރަމުންދާއިރު މިކަމަކީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.