އިހަވަންދޫ ފިޓްނެސް ސެންޓަރުން ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

މުޙައްމަދު އަކުރަމް

އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ މަގްސަދުގައި އިހަވަންދޫ ފިޓްނެސް ސެންޓަރުން ޚާއްޞަ ކަސްރަތު ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

“ދުޅަހެޔޮ ސިއްހަތަކަށް ފަރުދީ ޒިންމާ” މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 30 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ސިއްހަތަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، އަމަލީ ގޮތުން ކުރާ ކަސްރަތު ތަމްރީންތައް ވެސް ހިމެނެއެވެ.

އިހަވަންދޫ ފިޓްނެސް ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުހައްމަދު ފަޒީލް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދާނީ ސެޓިފައިޑް ޕާސަނަލް ޓްރައިނަރެއްގެ ބެލުމުގެ ދަށުންނެވެ.

މި ޕްރޮގްރާމަކީ މުޖުތަމައުގެ ފަރުދުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް އެ ސެންޓަރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. އުމުރުން 30 އަހަރުން މަތީގެ ވީހާވެސް ގިނަ ފަރާތްތަކުން މި ޕްރޮގްރާމްގައި ބައިވެރިވުމަކީ އެ ސެންޓަރުގެ ވަރަށް ބޮޑު އެދުމެކެވެ.

މިޕްރޮގްރާމާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 9174173 ނަންބަރު ފޯނާއި ގުޅުމަށް އިހަވަންދޫ ފިޓްނެސް ސެންޓަރުން އެދެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިފޯމް ފުރިހަމަކުރައްވާ.