ޓެކްނިކަލް މައްސަލައެއްޖެހި މުޅި އިހަވަންދޫއިން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ!

އަޔާން

ހއ. އިހަވަންދޫގެ ފެނުގެ މެއިން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިހަވަންދޫގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހަވަންދޫ ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭ ދަންވަރު 2:30 ހުން ފެށިގެން އެ ރަށުގެ ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. މި މައްސަލަ ދިމާވާން މެދުވެރިވީ ފެނުގެ މެއިން ނެޓްވޯކްގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފެށުމަށްޓަކައި ފެނަކަ އިހަވަންދޫ ބްރާންޗްގެ ފަންނީ މުވައްޒަފުން ހުއްޓުމެއްނެތި 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ދީފައެވެ.

އިހަވަންދޫގެ ހުރިހާ ގޭބިސީއަކުން ފެން ކެނޑުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.  އިހަވަންދޫގެ ގިނަ ގޭބިސީތަކުގައި ފެންވެރުމަށް ވޯޓާ ސަޕްލައި ފެން ބޭނުންކުރާ މިންވަރު ނިސްބަތުން މަދު ނަމަވެސް، ކެއްކުމަށާއި ބޯފެން ފިލްޓަރު ކުރާ މެޝިންތަކުގައި އާންމުކޮށް ބޭނުންކުރަނީ ސަޕްލައި ފެނެވެ. އެހެންކަމުން މި ހާދިސާގެ ސަބަބުން ގޭބިސީތަކުގެ ޒަރޫރީ ބޭނުންތަކަށް ވަނީ ބުރޫ އަރާފައެވެ.

ފެނަކަ އިން ދަނީ މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށް ބުނާއިރު، ހިދުމަތް އަލުން އިއާދަކުރެވޭނެ ވަގުތެއް އަދި ސީދާ ފެނަކައިން ނުބުނެއެވެ.