ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުތަކަކީ އެ އިރެއްގައި އޮންނަ ޙާލަތާއި ވަގުތަށް ރިޢާޔަތްކޮށް ބަދަލު އަތުވެދާނެ ކަންކަން ކަމަށާއި، ބައެއް ވަޢުދުތަކަށް މިހާރުވެސް ބަދަލު ގެންނަވާފައިވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ‘ޕްރެސް ވިތް ސްޕޯކްސް’ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސްގެ ރިޔާސީ ވަޢުދުތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ޝާއިޢުކުރެވިފައިވާ ކަންކަން ކަމަށެވެ. ނަމަވެސް، އެއީ ސަރުކާރާ ހަވާލުވުމުގެ ކުރިން އެކުލަވައިލި ވަޢުދުތަކަކަށް ވާތީ، އަމަލީ މައިދާނުގައި ކަންކަން ތަންފީޛު ކުރަން ފެށުމުން ދިމާވާ ގޮންޖެހުންތަކާއި ޙާލަތަށް ބަލައި މުރާޖަޢާކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ވަޢުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސްފައި، ސިޓްވޭޝަންއަށް ބަލާފައި.. ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސްވެސް ކޮށްފައި ބޭސްޑް އޮން ސިޓްވޭޝަން،” މުންދު ވިދާޅުވިއެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ސިޔާސީ މުވައްޒަފުން 700 އަށްވުރެ އިތުރު ނުކުރުމަކީ އިންތިޤާލީ މަރުހަލާގައި ރައީސް ކަނޑައެޅުއްވި އަމާޒެއް ކަމަށެވެ. އެހެންނަމަވެސް، ވެރިކަމުގެ ހިންގުމުގެ އޮނިގަނޑު ތަރުތީބުވެގެން އައިއިރު، ޙާލަތަށް ބަލައި އެ އަދަދުތަކަށް ބަދަލު އައިސްފައިވާ ކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ.
މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ތިން ބައިކުޅަ އެއްބައި މަދުކުރުމަށް އަންގަވާފައިވާ ކަމަށާއި، އެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާކަން ތަރުޖަމާނު ހާމަކުރެއްވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (RTI) ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ސަރުކާރުން އިޖާބަދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން މުންދު ވިދާޅުވީ، ސައްހަ ނިޔަތެއްގައި އެދޭ ކަންކަމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ. ނަމަވެސް، ގާނޫނީ ގޮތުން ހިފަހައްޓަންޖެހޭ ބައެއް މައުލޫމާތުތައް ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި:
ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ މައުލޫމާތު.
މާލީ އެއްބަސްވުންތަކުގައި ހިމެނޭ ސިއްރު ހިފެހެއްޓުމުގެ މާއްދާތައް.
ގައުމީ ސަލާމަތާ ގުޅުންހުރި ނާޒުކު މައުލޫމާތުތައް.
ތަރުޖަމާނު ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ރިޔާސީ ބަޔާންތަކުގައި ހިމެނޭ ކަންކަމަކީވެސް ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތަށް އަންނަ ބަދަލުތަކާއެކު، ބަދަލުވެދާނެ ކަންކަން ކަމަށެވެ.