މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން “ހއ. އިހަވަންދޫ އޮޕަރޭޝަން” ގެ ނަމުގައި އެއްވެސް މަޝްރޫއެއް މިވަގުތު ކުރިއަށް ނުގެންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްޓީސީސީން މިހެން ބުނެފައިވަނީ އިހަވަންދޫގައި އެ ކުންފުނިން ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އާޓިފިޝަލް ބީޗް މަޝްރޫއު: 120 އަށްވުރެ ގިނަ ދުވަސްވީއިރު އަމަލީ މަސައްކަތް ނުފަށާ!
އިހަވަންދޫގައި އާޓިފިޝަލް ބީޗެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ 54.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިއީ 330 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތެކެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރިތާ 126 ދުވަސް ފާއިތުވެގެން ދިޔައިރުވެސް، މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ސައިޓުގައި ފެށިފައި ނުވާކަން ފާހަގަކުރެވެއެވެ.
ފިޝް ކަލެކްޝަން ސެންޓަރު ބަނދަރު: 999 ދުވަސް، ނިމުނީ އެންމެ 11 އިންސައްތަ
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް 60.26 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 17 އޯގަސްޓް 2023 ގައެވެ. 500 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއަށް 999 ދުވަސް ވެފައިވާއިރު، ކުންފުނިން ބުނަނީ ނިމިފައިވަނީ އެންމެ 11 އިންސައްތަ މަސައްކަތް ކަމަށެވެ. މި މަޝްރޫއާ ގުޅޭގޮތުން ފާހަގަކުރެވުނު ހަމައެކަނި ކަމަކީ، އީ.އައި.އޭ ރިޕޯޓާ ޚިލާފަށް ބިންހިއްކުމުގެ މަޝްރޫއު ނިންމުމަށް އެސަރަހައްދުން ވެލި ނަގައިގެން ބޭނުންކުރުމެވެ.
މުވައްޒަފުން އެބަތިބި، އެކަމަކު ވެހިކަލެއް ނެތް
އިހަވަންދޫ އޮޕަރޭޝަންގެ ނަމުގައި މަޝްރޫއެއް ކުރިޔަށް ނުދާކަމަށް އެކުންފުނިން ބުނި ނަމަވެސް، އިހަވަންދޫގައި ހުންނަ އެމްޓީސީސީގެ ސައިޓުގައި އަދިވެސް 15 ވަރަކަށް މުވައްޒަފުން ތިބޭކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މަޝްރޫއުތައް ހުއްޓިފައިވާތީ ނުވަތަ އެހެން ސަބަބަކާ ހުރެ، އެ ކުންފުނީގެ އެއްވެސް ވެހިކަލެއް މިހާރު އިހަވަންދޫ ސައިޓުގައި ނެތްކަން ވަނީ ފާހަގަކުރެވިފައެވެ.