އިހަވަންދޫ ކައުންސިލްގެ ޙިދުމަތްތައް ޑިޖިޓަލްކުރުމަށް ނިންމައިފި

.

އިހަވަންދޫ ކައުންސިލުން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ޑިޖިޓަލްކުރުމަށާއި، ކައުންސިލްގެ ރަސްމީ ވެބްސައިޓް ތަރައްޤީކުރުމަށް  ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހު ބޭއްވުނު އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 7 ވަނަ ޢާންމު ޖަލްސާގައި ބައިވެރިވި  މެންބަރުންގެ އިއްތިފާޤުންނެވެ.

ކައުންސިލްގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް މިފަހަރު ނިންމިއިރު، މިއީ މީގެ ކުރީގެ ދައުރުތަކުގައިވެސް ޙާޞިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދެ ކަމެކެވެ. އެގޮތުން، ކައުންސިލްގެ 3 ވަނަ ދައުރުގައި ބަޔަކާ ޙަވާލުކޮށްގެން ވެބްސައިޓެއް ތަރައްޤީކޮށް، ބޭނުންކުރަން ފެށި ނަމަވެސް، އެދެވޭ ގޮތެއްގައި އެ ޚިދުމަތް ކުރިއަށް ނުގެންދެވި ވަނީ ހުއްޓާލަން ޖެހިފައެވެ. އަދި އޭގެ ފަހުން 4 ވަނަ ދައުރުގައިވެސް ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށްޓަކައި ބަޔަކާ މަސައްކަތް ޙަވާލުކޮށް،  ޚަރަދުތަކެއް ކޮށްފައިވާކަމަށް ވެއެވެ.

މިފަދަ މަޝްރޫޢުތަކުން މީގެ ކުރިން އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާއިރު، ނަތީޖާއެއް ނުފެނި ދައުލަތުގެ ފައިސާ  އިސްރާފުވެގެން ދާދިއުމުގެ ސަބަބުން ރައްޔިތުން ކައުންސިލަށްކުރާ އިތުބާރަށް އަސަރުކުރާނެކަމަށް ބެލެވެއެވެ. މިހިނގާ 5 ވަނަ ދައުރުގެ ކައުންސިލުން މިކަމުގައި ނެރޭ ނަތީޖާއަށް ރައްޔިތުން އިންތިޒާރުކުރާނެކަން ޔަޤީނެވެ.