ހޮސްޕިޓަލެއްގެ ބަދަލުގައި، އިހަވަންދޫ ރައްޔިތުންނަށް ލިބުނީ "ބޮއް ފެކްޓްރީއެއް" – ޝިފާއު

މުޙައްމަދު އަކުރަމް

މި ސަރުކާރަށް 3 އަހަރު ފުރެން ކައިރިވެފައިވާއިރު، އިހަވަންދޫ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ހޮސްޕިޓަލެއްގެ ބަދަލުގައި ހަދާފައިވަނީ “ބޮއް ފެކްޓްރީއެއް” ކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާއު ސަރުކާރަށް ވަރަށް ބޮޑަށް  ފާޑުވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ “ވައުދުނާމާ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާއު ވަނީ، ރައްޔިތުންގެ ސިއްހަތާ ގުޅިފައިވާ މިފަދަ ބޮޑު މަޝްރޫއަކުން ސަރުކާރުން ރައްޔިތުންނަށް ވަމުންދާ ބޮޑު އޮޅުވާލުމަށް ފާޑުވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް  ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި އިހަވަންދޫ ރައްޔިތުންގެ ކުރިމަތީގައި ވެވަޑައިގަތް ވައުދުތައް މިއަދު ސަރުކާރަށް ހަނދާން ނެތިފައިވާ ކަމަށެވެ. އަދި 3 އަހަރު ވެގެންދާއިރުވެސް ހޮސްޕިޓަލުގެމަސައްކަތައް އަމަލީ އެއްވެސް ކުރިއެރުމެއްނާންނަތާނގަ، މިއަދު އެ ބިމުން ފެންނަން އޮތީ ހަމައެކަނި “ބޮއް އާލާކުރާ ފެންގަނޑެއް” ކަމަށް ވިދާޅުވެ، ރައްޔިތުންގެ މާޔޫސްކަން އޭނާ ބަޔާންކޮށްދެއްވިއެވެ.

ކުރީގެ ވެރިކަން ނިމުނުއިރު ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާއި ކޮންޓްރެކްޓްކުރެވި އަމަލީ މަސައްކަތް ފަށާފައިވާކަމަށާ ނަމަވެސް ވެރިކަން ބަދަލުވުމާއިއެކު މަސައްކަތް ހުއްޓުވާލިކަމަށް ޝިފާއު ވިދާޅުވިއެވެ. ” ކޮންޓްރެކްޓަރަށް ހަމަސީދާ ހެލްތް މިނިސްޓްރީއިން އަންގާގެން މަސައްކަތް ހުއްޓުވާލާ ކޮށްފަހުރި މަސައްކަތަށް ވެލިއަޅާ ފޮރުވާލި” ޝިފާއު ތަފްސީލްކޮށްދެއްވިއެވެ.
ޝިފާއު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެޕޭނަށްވެގެން އަނެއްކާވެސް އާރުޑީސީ މީހުން ލައްވާ ހުސްގަނޑެއްގައި ސޮއިކުރުވިކަމަށާއި، މިއަދު އެތަން ކޮނެފައި އެބައޮތްކަމަށާއި އެފެންގަނޑަކީ ބޮށް އާލާކުރާ ފެންގަޑެއް ކަމުގައި ޝިފާއު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އިހަވަންދޫގެ ރައްޔިތުން ތިބީ ސަރުކާރުގެ ހުސް ވައުދުތަކާއި މަކަރުވެރި ސިޔާސަތުތަކުގެ ސަބަބުން އިންތިހާއަށް ރުޅިގަދަވެ، ސަރުކާރަށް ކުރި އިތުބާރު މުޅިން ގެއްލިފައެވެ. ރައްޔިތުންގެ ސިއްހީ އަސާސީ ޚިދުމަތްތަކަށްވުރެ ސިޔާސީ އެދުން  އިސްކޮށް، ރަށުގެ ތަރައްގީ މަޑުޖައްސާލާފައިވާތީ ރަށު ތެރޭގައި ނުރުހުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް ވަކި ހިސާބަކުން އެމަސައްކަތްވަނީ ހުއްޓުވާފައެވެ. އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު، 123.3 މިލިއަން ރުފިޔާގެ އަގުގައެވެ. މިނިސްޓްރީ އޮފް ހެލްތުން ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފެށީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ.

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ހެލްތް މިނިސްޓްރީއިން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ 99.6 މިލިޔަން ރުފިޔާއަށެވެ. އިހަވަންދޫގައި އިމާރާތް ކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިޕްރޮޖެކްޓްގެ ދަށުން އެކޮމަޑޭޝަން ބްލޮކަކާ ސާވިސް ބިލްޑިންގް އެއްވެސް އިމާރާތްކުރާނެއެވެ.
ހޮސްޕިޓަލް އިމާރާތްކުރަން ކަނޑައަޅާފައިވާ ބިން  ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ  9 ވަނަ ދުވަހުއެވެ. ހޮސްޕިޓަލްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސް ނުވަތަ 540 ދުވަހެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ 16 ވަނަ ދުވަހު އާރުޑީސީއިން ހޮސްޕިޓަލްގެ މަސައްކަތް އަލުން ފެށިނަމަވެސް އެމަސައްކަތްވަނީ ހުއްޓިފައެވެ. ޝިފާއު ވިދާޅުވިހެން މިހާރު އެތާއޮތީ ބޮއް އާލާވާ ފެންގަނޑެކެވެ.