ޢީދު ހަރަކާތްތަކުގެ ޖުމުލަ ހަރަދު ފުރަތަމަ ފަހަރަށް އިހަވަންދޫ ކައުންސިލުން ހާމަކޮށް މިސާލު ދައްކައިފި

ޒިޔާޢު އަހްމަދު

ރައްޔިތުންގެ ފައިސާ ހަރަދުކުރާ ގޮތް ހާމަކޮށް، ދެފުށް ފެންނަ (ޓްރާންސްޕޭރަންޓް) ވެރިކަމެއް ކުރުމުގައި ހއ. އިހަވަންދޫ ކައުންސިލުން  ނަމޫނާ ފިޔަވަޅެއް އަޅައިފިއެވެ.  1447 ވަނަ އަހަރުގެ އަޟުހާ ޢީދު ފާހަގަކުރުމަށް  އިހަވަންދޫގައި  ކުރިޔަށް ގެންދިޔަ ބޮޑެތި ހަރަކާތްތަކަށް ހިނގި ހުރިހާ ޚަރަދެއްގެ ތަފްސީލް އެ ކައުންސިލުން މިވަނީ އާންމުކޮށްފައެވެ.

މިއީ ޢީދު ފާހަގަކުރުމަށް އިހަވަންދޫ ކައުންސިލުން ކުރި ހަރަދުތައް މިފަދަ ފުރިހަމަ ގޮތެއްގައި އާންމުންނަށް ހާމަކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލުން ވަނީ ހަމައެކަނި ޖުމުލަ އަދަދު ހާމަކުރުމުގެ ބަދަލުގައި، މިއަހަރުގެ މެއި މަހު އެވޯޑްކުރި ޕްރޮކިއުމަންޓް ހަރަދުތައް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ. މި ލިޔުމުން އީދުގެ ހަރަކާތްތަކަށް ވަކިވަކިން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް (ތަކެތި ގަތް އަގާއި، ގަތް ފިހާރަ އަދި ގަތް އަދަދުތައް) ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ބަލައިލެވެން އެބަހުއްޓެވެ.

އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ރަސްމީ މައުލޫމާތަށް ބަލާއިރު، ޢީދުގެ އެކި ހަރަކާތްތަކަށް ކައުންސިލާއި އ.ތ.މ ކޮމިޓީގެ ބަޖެޓުން ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ.

  • އިހަވަންދޫ ކައުންސިލްގެ ހަރަދު: -/156,853.48 ރުފިޔާ

  • އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.ކ): -/10,000.00 ރުފިޔާ

  • ޖުމުލަ ޢީދު ޚަރަދު: -/166,853.48 ރުފިޔާ

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އިހަވަންދޫގައި ކުރިއަށްދިޔައީ ކުލަގަދަ އަދި އެހާމެ ފޯރިގަދަ ހަރަކާތްތަކެކެވެ. އިހަވަންދޫ ކައުންސިލުން އިސްނަގައިގެން “ބަދަހި އީދު” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ ރަށުގެ އެއްބައިވަންތަކަން ދައްކުވައިދިން ރީތި މިސާލެކެވެ. މި ހަރަކާތްތައް ރާވާ ހިންގާފައިވަނީ ރަށުގެ ކުލަބް ޖަމިއްޔާތަކާއި، ސަރުކާރުގެ މުއައްސަސާތައް އަދި އަމިއްލަ ކުންފުނިތައް ގުޅިގެންނެވެ.

ޢީދު ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ހަރަކާތްތަކަށް ބަދަލުތަކެއް ގެނެސް، ފަސްކުރަން ޖެހުނު ނަމަވެސް، ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނު ތަރުހީބަކަށް އެއްވެސް ބަދަލެއް ނާދެއެވެ.  ސަގާފީ ރީތި ހަރަކާތުން ޢީދު ފެށިގެންދިޔައިރު، އިހަވަންދޫގެ ފާހަގަކޮށްލެވޭ ދެ ޖަމިއްޔާ ކަމަށްވާ އިމަގު އަދި ޕޯލްސްޓަރ އިން އިސްނަގައިގެން ގިނަގުނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުންވެސް ވަނީ މުޅި ޢީދުގެ ފޯރި ދެމެހެއްޓުމުގައި އަމަލީގޮތުން ބައިވެރިވެފައެވެ.