ސަމްސަންގް އިން ފޯނު ސްކުރީންގެ ދަށުގައި ކެމެރާ އިންދަނީ

މުޙައްމަދު އިމްރާން

މިއައީ، ތިޔަ އިންތިޒާރުކުރާ ވަގުތެވެ. ފޯނުގެ ކުރިމަތީ ކެމެރާ ނުވަތަ ސެލްފީ ކެމެރާއަކީ، ފޯނުގެ މޫނުމަތީގައި އިންނަ ލައްގަނޑެއްފަދައެވެ. ވީކަޓު، ސީކަޓް، ޔޫކަޓް، ވޯޓަރޑްރޮޕް، ޕަންޗްހޯލް ފަދަ ރީތި ނަންނަން ކިޔާފައި ޑިސްޕްލޭއިން ތަންގަނޑެއް ކަނޑާނަގައިގެން ކުރިމަތީ ކެމެރާ އިންދާފައި އިނުމަކީ، އަދި ފޯނު އުފައްދާ ފަރާތްތަކުންނާ، ފޯނު ބޭނުންކުރާ ފަރާތްތަކުން އެންމެ ބޭނުންވާ ގޮތެއްނޫނެވެ. ފޯނުގެ ކެމެރާ ހިފާފައި އަނބުރާލައިގެން ކުރިމައްޗަށް ބަދަލުކުރުމާއި، ފޯނު ތެރޭގައި އިންދާފައި އިންނަ ކެމެރާއެއް، ކުއްލިއަކަށް ފުންމައިގެން މައްޗަށް އެރުމީވެސް، ކަޓްގޮތްގޮތްކަމުގައި ފޯނު ބޭނުންކުރާފަރާތްތަކުން ބުނެއެވެ.

މިކަމަށް ހައްލެއް ގެނެސް ފޯނުގެ ސްކްރީން ދަށުގައި ފޯނުގެ ކުރިމަތީ ކެމެރާ އިންދުމަކީ، މިކަމުގެ ހައްލުކަމުގައި ކުންފުނިތަކުން ގަބޫލުކުރެއެވެ. ފޯނު އުފައްދާ، އެތަންކުންފުންޏަކުން ފައްކާކުރުމަށް މަސައްކަތްކުރާ ޓެކްނޮލޮޖީއަކީވެސް އެއީއެވެ. މިކަމުގައި އަދި މިހާތަނަށް ކާމިޔާބުވެފައިވަނީ، އެންމެ ކުންފުންޏަކަށެވެ. މިހާތަނަށް، އަންޑަރ ޑިސްޕްލޭ ކެމެރާ ނުވަތަ ޔޫޑީ ކެމެރާ ހިމަނާފައިވަނީ، ޒެޑްޓީއީގެ އެޒޯން 20 ފޯނުގައެވެ. ނަމަވެސް، އާއްމުކޮށް، ފޯނުތަކުގެ ކުރިމަތީގައި ހަރުކޮށްފައިވާ ކެމެރާތަކަށްވުރެ މި ފޯނުގެ ކެމެރާއިން ނަގާ ފޮޓޯތަކުގެ ސާފުކަން ކުޑަކަމަށް، ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މިހާހިސާބުން އޮތް އުފާވެރި ޚަބަރަކީ، މިކަމުގައި ވާދަކުރާ ކުންފުނިތަކުގެ ތެރެއިން، ސަމްސަންގް ކުންފުނިން އެކުންފުނީގެ ކާމިޔާބު ޓެކްނޮލޮޖީ ކަސްޓަމަރުންގެ އަތަށް ހަވާލުކުރަން ތައްޔާރުވެއްޖެކަމަށް ހާމަކުރި ޚަބަރެވެ. ސަމްސަންގް ކުންފުނީގެ ފައްޖަހާލެވޭ ފޯނުތަކުގެ އާއިލާކަމުގައިވާ ޒެޑް ފޯލްޑް ގެ ތިންވަނަ ފޯނު، ‘ޒެޑް ފޯލްޑް 3’ ގައި، ފޯނުގެ ކުރިމަތީ ކެމެރާ، ފޯނުގެ ޑިސްޕްލޭދަށަށްލާ ފޮރުވާނެކަމަށް ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ، މި ފޯނުގައި ހިމަނާ، މި ކެމެރާގެ ސާފުކަން މީގެ ކުރިން މި ޓެކްނޮލޮޖީ ބޭނުންކުރި ފޯނުތަކަށްވުރެ 40 އިންސައްތަ ސާފުވާނެކަމަށް ބުނެއެވެ. މިހާތަނަށް، އަންޑަރ ޑިސްޕްލޭ ކެމެރާ ނުވަތަ ޔޫޑީ ކެމެރާ ހިމަނާފައިވަނީ، ޒެޑްޓީއީގެ އެޒޯން 20 ފޯނުގައި ކަމަށްވެފައި ސަމްސަންގް އިން މިބަސް މި އަމާޒުކުރީ، މިފޯނަށްކަމާމެދުގައި ޝައްކެއްނެތެވެ.

16 މެގަޕިކްސެލްގެ ކުރިމަތީ ކެމެރާއެއް ހިމެނޭ، ސަމްސަންގް ގެ ޒެޑް ފޯލްޑް 3ގެ ހުރިހާ ޓެސްޓްތަކެއް ނިމި، އުފެއްދުމުގެ މަސައްކަތް އެކުންފުނިން ހަލުއިކަމާއެކުގައި މިހާޜުވަނީ ފަށާފައެވެ. މިހާރު ލަފާކުރެވޭގޮތުން، ޖުލައިމަހު ތެރޭ، މާރކެޓަށް މިފޯނު ނެރެވޭނެކަމަށް ބެލެވެއެވެ.