މޮޅަދޫ ރައްޔިތުން ވެސް އެދެނީ އެއާޕޯޓްގައި ޖެޓީ އެޅުމަށް

.

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ހއ އަތޮޅުގެ ރައްޔިތުން ފާޅުކުރަމުންދަނިކޮށް، މޮޅަދޫ ރައްޔިތުންގެ އެދުމަކީ ވެސް އެއާޕޯޓްގައި ޖެޓީއެއް އެޅުންކަމަށް މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް ވިދާޅުވެއްޖެއެވެ.
މުޙައްމަދު ނިޝާމް މި ނޫހަށް ވިދާޅުވީ އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ވަކި ޖެޓީއެއް އެޅުމަކީ މޮޅަދޫ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއް ކަމަށާއި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ވެސް އަދި އަމިއްލަ ހައިސިއްޔަތުން ވެސް އެދޭ ގޮތަކީ އެއީ ކަމަށެވެ.
“އަޅުގަނޑުމެން މިހާރު ވާނެ ރަސްމީކޮށް ކަމާ ބެހޭ ފަރާތްތަކަށް ކައުންސިލުން އެކަން ދަންނަވާފައި ވެސް” ނިޝާމް ވިދާޅުވިއެވެ.
ނިޝާމް އިތުރަށް ވިދާޅުވީ އެއާޕޯޓަށް ލަފާފުރޭ ގޮތަށް ވަކި ޖެޓީއެއް ހަދަން ނުޖެހޭ އެއްވެސް ސަބަބެއް އެ ބޭފުޅާއަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.
އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ މަނަފަރު ރިސޯޓުގެ ކަންބޮޑުވުން އޮތްކަން ވެސް ދާދިފަހުން ވަނީ ހާމަވެފައެވެ. އަދި ހއ އަތޮޅުގެ ކައުންސިލްގެ ރައީސް ވެސް ވަނީ އެއާޕޯޓްގައި ޖެޓީއެއް ނަހަދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.