އިހަވަންދޫ ޒުވާނުންގެ އުއްމީދު ރަނުންރަނަށް މިސަރުކާރުން ފުރިހަމަކޮއްދޭނެ ކަމަށް ރައްޔިތުންމަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމަށްޓަކައި ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ފޮޓޯ ތަކެއް ހިއްސާކުރައްވަމުން މެމްބަރ ޝިފާޢު ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ ޒަމާނީ މިފުޓުބޯޅަދަނޑުގެ ސަބަބުން އިހަވަންދޫގެ ކުޅިވަރަށް ބޮޑު ކުރިއެރުމެއްލިބޭނެ ކަމަށެވެ.
އިހަވަންދޫ ޣާޒީ ދަނޑުގައި ޓާފު އެޅުމަށްޓަކައި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ނިމިދިޔަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު އެވެ. މި އެއްބަސްވުމާއެކު މަސައްކަތުގެ ސައިޓް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. އަދި ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
ހއ. އިހަވަންދޫގައި ޒުވާނުންނަށް ޓާފުއެޅި ބޮޑު ދަނޑެއް އަޅާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަޢުދުވެލައްވާފައެވެ.