އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވާތީ ބޮޑު ސަރަހައްދެއް ބަންދުކޮށްފިއެވެ. ފުލުހުން ކޯޑޯން ޓޭޕް ދަމައި ބަންދު ކޮށްފައިވަނީ ޔުނީކް ފުޑް ހޮޓަލުން ފެށިގެން ހުޅަނގު ދެކުނަށް އޮތް ސަރަހައްދެވެ. އިހަވަންދޫ އޯޕަން ސްޓޭޖް ސަރައްދުގައި ވޯލްޑްކަޕް ބަލަންތިބި މީހުންވެސްވަނީ އެތަނުން ފޮނުވާލައިފައެވެ.
މީގެއިތުރުން އެސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ ދޯނިތަކުންވެސް މީހުން ހުސްކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. ފުލުހުން ބަންދުކޮށްފައި ސަރަހައްދުގެ ބޭރުގައިވެސް ކޮންމެވެސް ވަރަކަށް އެމޯނިޔާ ވަސް ހުރިކަން ފާހަގަކުރެވެއެވެ. އިހަވަންދޫ އައިސްޕްލާންޓުން އަމޯނިޔަމް ލީކުވުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. ނަމަވެސް މިއީ މިހާތަނަށް އެންމެބޮޑަށް ގޭސްލީކްވި ފަހަރެވެ.
ގޭސް ލީކްވަމުން ދަނީ ގޭސްފުޅިއާއި ގުޅާފައިވާ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފްގެ ބޭކަލުންވެސް އަންނަނީ ގޭސްލީކްވުން ހުއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭސްލީކުވުމުގެ ސަބަބުން ބިދޭސީއަކަށް އަންނަނީ އާމިނާދިޔޯ ސިއްހީމަރުކަޒުގައި ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ. އެއީ އައިސް ޕްލާންޓާއި ޖެހިގެންހުރި އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ މީހެކެވެ.
އެމޯނިއަމް އަކީ ވަރަށް ވަސްގަދަ ގޭހެކެވެ. އެހެންކަމުން އެމޯނިޔަމް ލީކްވާނަމަ ވަރަށް ފަސޭހައިން އެކަން ދެނެގަނެވެއެވެ. މާގަދަޔަށް އެމޯނިޔަމްގެ އަސަރު ހުރިތަނަކަށް ނޭވާލެވިއްޖެނަމަ ނޭފަތާއި ލޮލާއި ކަރުތެރެ ފިހުމަކީވެސް އެކަށީގެންވާ ކަމެކެވެ. ލޯކަނުވުމާއި މަރުވުމަކީވެސް އެމޯނިޔާ ވިހަވުމުން ވެދާނެކަމެކެވެ. އެމޯނިޔާ އަކީ ވަޔަށްވުރެ ލުއި ގޭހެއްކަމުން ވަރަށްފަސޭހައިން ޖައްވުގެތެރެއަށް ފެތުރިންގެންދެއެވެ.