ހއ. އަމާންވެށި ، ހއ. ދިއްދޫގައި ހުޅުވައި މިނިސްޓުރީ އޮފް ޖެންޑަރ، ފެމިލީ އެންޑު ސޯސަލް ސަރިވސް އިން ބަލަހައްޓަމުންދާ 15 ކުއްޖަކު އެތަނަށް ބަދަލު ކޮށްފިއެވެ.
މި އަމާންވެށި ހިންގަމުން ދާނީ، ދިއްދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދަށުންނެވެ.
މިއަދު މެންދުރުފަހު ދިއްދޫގައި އޮތް ހަފުލާގައި އަމާންވެށި ހުޅުވައިދެއްވީ ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އަމާންވެށި ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ ދިއްދޫގެ އަމާންވެއްޓަށް މިއަދު ބަދަލުކޮށްފައި ވަނީ ތިން އާއިލާއަކަށް ނިސްބަތްވާ 15 ކުދިން ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީ ކުށުގެ މާހައުލުން ނުކުމެފައި ތިބި ކުދިންނޫން ކަމަށާއި، ދިމާވެފައިވާ އެކި ހާދިސާތަކުގެ ސަބަބުން މިވަގުތު މައިންބަފައިންނާއެކު ދިރިއުޅެވެން ނެތް ކުދިންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ދަޢުލަތުގެ ބެލުމުގެދަށަށް ނަގާ ކުދިން އަތޮޅުތަކުގައި ހަދާފައިވާ މަރުކަޒުތަކަށް ބަދަލުކުރަން ފަށާފައިވަނީ އިޖުތިމާޢީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ފަހިކޮށްދިނުމަށެވެ.
މީގެ ކުރިން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓަމުން ދިޔަ ކުދިންގެ ތެރެއިން ބައެއް ކުދިން ފުވައްމުލަކާއި، ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ޤާއިމްކުރި އަމާން ވެށިތަކަށްވެސްވަނީ ބަދަލުކޮށްފައެވެ. އެގޮތުން ފުވައްމުލަކަށް 16 ކުދިން، ފުނަދޫއަށް 16 ކުދިން އަދި އޭދަފުއްޓަށް 17 ކުއްޖަކު ވަނީ ބަދަލު ކޮށްފައެވެ.