ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، ހިލޭސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ) އިން އިސްނަގައިގެން އިހަވަންދޫގެ 2 މިސްކިތެއްގެ އާބާތުރަ ފިލުމުވުގެ މަސައްކަތް މިއަހަރުވެސް ކުރިއަށްގެންދާނެ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ރަށުގެ މިސްކިތްތައް މަރާމާތު ކުރުމުގެ ގޮތުން ކޮންމެ އަހަރަކު އިމަގު ޖަމިއްޔާއިން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިވަގުތު ކުރަމުން ދަނީ އިހަވަންދޫ ތަޢުބާ މިސްކިތުގައި ހުރި ބައެއް މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން، ތައުބާ މިސްކިތުގެ ވޯކުވޭގައި ހުރި އަޑިގުޑަންތައް ފިލުވާ، ވާރެވެހޭ ދުވަސްވަރު ވޯކުވޭގައި ފެންހެދެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ވޯކުވޭގައި ޖަހާފައިވާ ޕޭމަންޓުގާތައް ނަގައި ފަސްގަނޑު އެއްވަރުކޮށް، ފެންހިންދާ ކާނުތަކެއް ގާއިމުކޮށް، ގައުތަށް އަލުން އަތުރައި ދަވާދު ލުމުގެ މަސައްކަތް ކުރާނެ ކަމަށް އެޖަމިއްޔާގެ މީޑިއާ އޮފިޝަލް އަލްފާޟިލް ސަޢުދުﷲ އަހުމަދު މިނޫހަށް މައުލޫމާތު ދެއްވިއެވެ. ތައުބާ މިސްކިތުގެ ހަރިންމަ ފަރުގައި ހުރި ބައު ކުލަ ކެހުމާއެކު ކުލަ އާކުރުމުގެ މަސައްކަތް ހެޔޮއެދޭ އާއްމު ފަރާތަކުން ކުރަން ހަމަޖެހިފައިވާއިރު، އެމަސައްކަތުގައިވެސް އިމަގުޖަމިއްޔާއިން އަމަލީގޮތުން ބައިވެރިވާނެ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
މީގެ އިތުރުން އިހަވަންދޫގެ ނަސްރު މިސްކިތުގެ ވަށާފާރުގެ ކުލަ އާކުރުމުގެ މަސައްކަތްވެސް އެޖަމިއްޔާގެ ފަރާތުން ކުރާނެ ކަމަށް ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.
އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި އެޖަމިއްޔާގެ ފަރާތުން ކުރަމުންދާ މިސްކިތްތަކުގެ އާބާތުރަ ފިލުމުވުމުގެ މަސައްކަތުގައި މިވަގުތު ހަރަކާތްތެރިވަމުން ދަނީ އިމަގު ޖަމިއްޔާގެ މެމްބަރުންނާއި ރަށުގެ ޒުވާނުންނެވެ. މިމަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރައްވައެވެ.